ޚަބަރު

ވޯޓަށް ރަށްވެހިކަން ބަދަލުކުރުމުގެ ފުރުސަތު މިމަހު 15ގެ ނިޔަލަށް ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ރަށްވެހިކަން ނުވަތަ ދިރިއުޅޭ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަންކޮށް ނިންމުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުންދާ ކަަމަށެވެ.

އެހެންކަމުން ރަށްވެހިކަން ބަދަލުކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15ގެ ކުރިން ރަށްވެހިކަން ބަދަލުކޮށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައި ނިންމަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެތާރީހަށްފަހު ވޯޓުލާ މީހުންގެ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް އީސީގެ އިއުލާނުގައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.