ރައްޔިތުންނާއި ދައުލަތަށް ގެއްލުން ދޭ ފަރާތްތަކުންގެ މިލްކިއްޔާތު ވިއްކައިގެންވެސް ނުވަތަ އެނޫންވެސް ގޮތަކަށް ދައުލަތަށް ފައިސާ ހޯދަަން ޖެހޭނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވިދާޅުވީ ނިމިގެންދިޔަ ސަރުކާރުން ވަނީ ވަރަށް ގިނަ ފަރާތްތަކަށް މާލީ ގެއްލުންތަކެއް ދީފައި ކަމަށެވެ.
"މި ސަރުކާރުން އެ ފަރާތްތަކަށް ބަދަލުތަކެއް ދޭން ޖެހޭނެ. ކޯޓުތައް މެދުވެރިކޮށްގެން ނަމަވެސް އަދި އެނޫން ގޮތްގޮތަށް ވެސް ބަދަލުތަކެއް ދޭން ޖެހޭނެ،" ސައުދުﷲ ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ކަންތައްތައްތަކުގައި ދައުލަތަށް ހުރިހާ ބުރައެއް އަންނަ ގޮތަށް ކަންތައްތައް ނިމިގެން ގޮސްގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެއްވެސް ސަރުކާރަކުން ކަންތައް އޮންނަން ޖެހޭނީ އެގޮތަށް ނޫން ކަމަށާއި އެއީ ހުރިހާ އެންމެންވެސް ވިސްނަން ޖެހޭ ކަމެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.