މޫދަށް އެރިއުޅޭ ފަތުރުވެރިންނާއި އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް 19 ރަށެއްގައި ބީޗް ސްކައުޓުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މި މަސައްކަތަކީ 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މާސްޓާ ޕްލޭންގައި ހިމެނޭ ކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފުލުހުންނާއި އެމްއެންޑީއެފްއާ ގުޅިގެން ފައްޓާފައިވާ "ވޯޓާ ސޭފްޓީ ޕްރޮގްރާމް"ގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ޓޫރިސްޓު އެނދު ގާއިމުކޮށްފައިވާ 19 ރަށެއްގައި ބީޗު ސްކައުންޓުގެ ނަމުގައި ލައިފްގާޑުން ބޭއްތިބުމަށް ނިންމައި، ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ބީޗް ސްކައުޓެއްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ފަތުރުވެރިންނަށް ސޭފްޓީ ބްރީފިން ދިނުމާއި އެދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މައުލޫމާތާއި މޫދަށް އެރިއުޅުމުގައި ސަލާމަތީ ގޮތުން ހިތަހައްޓަންޖެހޭ މިންގަނޑު ހިފަހައްޓާތޯ ބަލައި މީހުން މޫދަށް އެރި އުޅެނީ މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ސަރަހައްދުގެ ތެރޭގައިތޯ ބެލުން ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން މޫދަށް އެރިއުޅުމުގައި ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރުމާއެކު މޫދަށްއެރެން ކަނޑައެޅިފައި އޮންނަ ސަރަހައްދަކީ މޫދަށް އެރޭފަރާތްތަކަށް ރަހުމަތްތެރި އަދި ރައްކާތެރި މާހައުލަކަށް ހަދާ ފަތުރުވެރިންނާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ލައިފް ސާވިން އިކުއިޕްމެންޓް އަދި އިމަޖެންސީ ހާލަތެއްގައި ބޭނުންކުރަން ހުންނަ ތަކެތި ބޭނުންކުރުމާއި ބެލެހެއްޓުން ހިމެނެއެވެ.