އިންޑިއާ ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖައްސާފައިވާ ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލުގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަންކަމާ ބެހޭގޮތުން މަޝްވަރާކުރީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ ފީލްޑް އޮފް ހެލްތު"ގެ ދަށުން އެންމެހާ ކަންތައްތައް ކުރިއަށްދާގޮތް ބެލުމަށް އެކުލަވާލާފައިވާ ވޯކިން ގުރޫޕުގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ރާއްޖޭގައެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނާއި، އާންމު ސިއްހަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އިންޑިއާއިން ރާއްޖޭގައި ގާއިމުކުރުމަށް ހަމަޖައްސާފައިވާ ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލުގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައްވެސް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންޑިއާ ސަރުކާރުން ހުޅުމާލޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމާ ގުޅޭ މަސައްކަތްތައް ކުރިއަށްދާކަން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އިއުލާނުކުރެއްވީ މިދިޔަ މަހުގެ ހަަތަރުވަނަ ދުވަހުއެވެ.
ރާއްޖޭގެ ފަރާތުން ވޯކިން ގުރޫޕުގެ ބައްދަލުވުމުގައި އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. އަދި އިންޑިއާގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޕްރީތީ ސުދާންއެވެ. މި ބައްދަލުވުމުގައި އިންޑިއާ އަދި ރާއްޖޭގެ ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޖޮއިންޓް ވޯކިން ކޮމިޓީގެ ބައްދަލުވުމުގެ ކުރިން އިންޑިއާގެ ޓީމު ވަނީ ހެލްތު މިނިސްޓްރީއާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.