ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަޑިއަށް ދިޔަ ޑިންގީގެ ބައެއް ކަނޑު އަޑިން ފެނިއްޖެއެވެ.
މީގެ ފަސް ދުވަސް ކުރިން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި އެއަތޮޅު ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓަކަށްފަހު ޑިންގީ އަޑިއަށް ގޮސްފައިވާއިރު، އޭގެން ދަތުރުކުރި ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. ވަނީ ގެއްލިފައެވެ.
އޭނާ ހޯދުމުގައި އެމްއެންޑީއެފްގެ ޑައިވަރުންނާއި ކޯސްޓްގާޑުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު އޭނާ އަދި އޭނާއާ ގުޅުންހުރި އެއްވެސް އެއްޗެއް ވެސް މިހާތަނަށް ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އަޑިއަށްދިޔަ ޑިންގީގެ ބައެއް އެ ސަރަހައްދުން މިއަދު ޑައިވްކުރިއިރު ފެނިފައިވާ ކަމަށެވެ. އަދި ޑިންގީގެ އިންޖީނުގެ މަތިގަނޑު ވެސް ޑައިވަރުން ނަގާފައިވާ ކަމަށެވެ.
އެ އެއްޗެހި ފެނިފައިވަނީ ދޮންފަނާއި އަނގަފަރާ ދެމެދުގެ ކަނޑުގެ 40 މީޓަރު އަޑިން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން މިހާރު ދަނީ ފެނުނު އިންޖީނުގެ މަތިގަނޑަކީ ޑިންގީއަށް ނިސްބަތްވާ ތަކެތިތޯ ބަލަމުންނެވެ.
އެމްއެންޑީއެފް އިން މީގެ ކުރިން ބުނީ، އެކްސިޑެންޓު ހިނގި ސަރަހައްދު ކަމުގައި ބޮޑަށް ލަފާކުރެވެނީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް ކައިރިން ކަމަށެވެ. ނަމަވެސް ނަސްރު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވަނީ ވެއްޓުނީ ސީދާ އެ ސަރަހައްދަކަށް ކަމެއް ނޭނގޭތީ ކަމަށް ބުނެފައިވެއެވެ.