މާލެ އިރުމަތީގައި އޮންނަ އުސްފަސްގަނޑު ތަރައްގީ ކުރާނީ އާންމުންނަށް އެތަނަށް ގޮސް ހިތްހަމަޖައްސާލެވޭނެ ތަނެއްގެ ގޮތުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަން"އަށް ވިދާޅުވީ އުސްފަސްގަނޑު ޕާކެއްގެ ގޮތުގައި ތަރައްގީ ނުކުރާނެ ކަމަށާއި އެތަން ބާއްވާނީ ރެކްރިއޭޝަން ސަރަހައްދެއްގެ ގޮތައް، އާންމުން ހިތްހަމަޖައްސާލަންދާ ތަނެއްގެ ގޮތުގައި ކަމަށެވެ.
މީގެ ކުރިންވެސް އެކި އުމުރުގެ މީހުން ހިތްހަމަ ޖައްސާލުމަށާއި މަޖާ ކޮށްލުމަށް ގޮސް ތިބޭ އުސްފަސްގަނޑު ބަންދުކުރީ ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދިޔަ މީހުންގެ އެކޮމަޑޭޝަނާއި އޮފީސްތައް ހެދުމަށެވެ. ނަމަވެސް އެތަންތަން ނަގައި، އެބިން ހުސްކޮށް ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީކުރަމުންނެވެ. އެ މަސައްކަތް ކުރަމުންދަނީ ބުރިޖުގެ މަސައްކަތް ކުރި ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އިންނެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، އުސްފަސްގަނޑު ސާފުކޮށް ނިމުމުން އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަަމަށެވެ. ނަމަވެސް ކޮންސްޓްރަކްޝަން ޑިޒައިނާއި އެތަނުގައި ބަހައްޓަން ހަމަޖައްސާފައިވާ ތަކެތި އަދި ފައިނަލް ނުވާ ކަމަށް ވިދާޅުވިއެވެ.