ޚަބަރު

ވިލިމާލޭގައި މަސް މާރުކޭޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

އާނިފާ ހުސެއިން ސިރާޖް

ވިލިމާލޭގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެދުމަކަށް ވިލިމާލޭގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާތީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފާރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ފައިސާ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް ފިނޭންސް މިނިސްޓްރީންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ބިޑު ސެކިއުރިޓީގެ ގޮތުގައި 33،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ. ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.