ޚަބަރު

ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތައް ކުށްވެރިކުރަން، ރައީސް ޔާމީންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވަން: އިދިކޮޅު

މަރިޔަމް ޝަހުދާ

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިއްޔެ ފުލުހުން ގޮވައިގެން މާފުށީ ޖަލަށް ވަދެ ގައިދީންނަށް އަނިޔާކޮށް ހިންގި ހަމަނުޖެހުން ކުށްވެރި ކުރާ ކަމަށާއި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާ ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އިދިކޮޅު ކޯލިޝަނުގެ މި ބަޔާނަކީ މާފުށީ ޖަލަށް މުނާޒް ކުރެއްވި ޒިޔާރަތާ ގުޅިގެން ކަރެކްޝަނުން ނެރުނު ބަޔާން ދޮގުކޮށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަހުމަދު މުހައްމަދުފުޅު ދޮގު ކުރެއްވުމާ ގުޅިގެން ނެރެފައިވާ ބަޔާނެކެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި އެ ކޯލިޝަނުން ވަނީ އިއްޔެ ފުލުހުން ގޮވައިގެން ޕްރިޒަންސް ކޮމިޝަނާ މުނާޒް މަފުށި ޖަލަށް ވަދެ ގައިދީންނަށް އަނިޔާކޮށް، ޕެޕާ ސްޕްރޭ ޖަހައި، ޖަލުގައި ހަމަނުޖެހުން ހިންގިކަން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ. މިއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ހިންގާފައިވާ އަމަލެއް ކަަމަށް އެ ޕާޓީން ބުނެއެވެ. އަދި ޖަލުގައި ތިބޭ ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން، ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދީ އެފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ކަރެކްޝަންގެ މަސައްކަތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މީގެ އިތުރުން މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ރައްކާތެރިކަމާ މެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އިދިކޮޅުން ވަނީ ރައީސް ޔާމީނަކީ ސިޔާސީ ހުކުމެއްގައި ހުންނެވި ބޭފުޅެއްކަން ފާހަގަކޮށް އެމަނިކުފާނަކީ އިދިކޮޅުން 2023ގައި ވާދަކުރާ ރިޔާސީ ކެންޑިޑޭޓު ކަމަށް ބުނެފައެވެ. އަދި ކަން މިހެން ހުރި އިރު އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އިދިކޮޅުން ވަނީ މީގެ ކުރިންވެސް ޖަލުގައި ހަމަނުޖެހުން ހިންގުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވިކަން ފާހަގަކޮށްފައެވެ. މިކަންކަން އިސްލާހު ނުވެ ތަކުރާރުވަމުންދާ ކަމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ސަރުކާރުގެ ކިބައިގައި ކަންކަން އިސްލާހު ކުރުމުގެ ގާބިލިއްޔަތު ނެތްކަމަށް އިދިކޮޅުން ތުހުމަތުކުރިއެވެ. އޭގެ އިތުރުން ޖަލުތައް ހިންގުން ހަރުދަނާކޮށް ގައިދީންގެ ހައްގުތައް ކަށަވަރުކުރުމުގައި ސަރުކާރުން ފެއިލް ވެފައިވާކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ހޯމް މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ. އަދި ޖަލުގައި ހިނގަމުންދާ އަމަލުތައް ތަހުގީގު ކުރުމަށް އެޗްއާރުސީއެމްއާއި ކަމާބެހޭ މުއައްސަސާތަކަށް އިދިކޮޅުން ގޮވާލިއެވެ.