ޚަބަރު

ލަންކާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެއްސެއްގެ ބަންދަށް 10 ދުވަސް ޖަހައިފި

ސްރީ ލަންކާގެ ފުލުހުން މުޅި އެގައުމުގައި ހިންގި އޮޕަރޭޝަނެއްގައި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެއްސެއްގެ ބަންދަށް 10 ދުވަސް ޖަހައި، ދެން ތިބި އެންމެން ދޫކޮށްލައިފިއެވެ.

އިއްޔެ އާއި ރޭގެ އެކިވަގުތުތަކުގައި ލަންކާގެ ފުލުހުން ވަނީ ވިސާއާ ނުލައި ލަންކާގައި އުޅުމާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައި 12 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ. އެއީ ވިސާ ނެތި ހަ މަސްދުވަހު ލަންކާގައި އުޅުނު އަންހެނަކާއި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، ލަންކާއަށް އެތެރެކުރުން މަނާ ސިނގިރޭޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރާ ދިވެއްސެއްގެ އިތުރުން ނުވަ މަސް ދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ އަށް މަސްވެފައިވާ މީހެއްގެ މައްސަލައެވެ.

ނަމަވެސް އޭގެ ތެރެއިން ވިސާ ނެތި ހަ މަސްދުވަހު ލަންކާގައި އުޅުނު އަންހެން މީހާ އާއި، ލަންކާއަށް އެތެރެކުރުން މަނާ ސިނގިރޭޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރާ ކަމުގެ ތުހުމަތުގައި މައްސަލަ ކޯޓަށް ހުށަހެޅި މީހާ ވަނީ ކަފާލާތުގެ ދަށުން ކޯޓުން ދޫކޮށްލައިފައެވެ.

ބަންދަށް 10 ދުވަސް ޖެހީ، ނުވަ މަސް ދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ އަށް މަސްވެފައިވާ މީހާ އަށެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

އެގޮތުން ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތަނުގައި ނޫޅުމަށާއި ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭ ގޮތަށް ޕާސްޕޯޓުތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންކަމެވެ.

އެގޮތުން އެކަންކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެގޮތަށް ގާނޫނާއި ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ތަކުރާރުކޮށް ފާހަގަވަމުންދާ ކަމަށެވެ.

އޭގެ އިތުރުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ހުރި ލުއިފަސޭހަތަކުގެ ނާޖާއިޒު ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާއްމުކޮށް ދިވެހިންނާ ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ބުރޫ އެރުމަކީ ވެދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.