ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވައިފިއެވެ.
އެ މަޝްވަރާތައް ކޮށްފައިވަނީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް އާއި ޗައިނާގެ މެޝިނަރީ އިންޖިނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ އޮފިޝަލުން ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުވުމުގައެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ޗައިނާ އާއި ރާއްޖެއާއި ގުޅުން ބަދަހި ކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން އުމްރާނީ އަދި ތަރައްގީގެ ދާއިރާއިން މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ. އަދި އޮލިމްޕިކްސް ކުޅިވަރު ރާއްޖޭގައި ބޭއްވޭނެ ފެންވަރަށް ހުޅުމާލޭގައި ތަރައްގީ ކުރާ ސްޓޭޑިއަމްގެ ކުރެހުން ރައީސް ސޯލިހާ އެ ބައްދަލުވުމުގައި ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ޗައިނާއަކީ ވަރަށް މުހިއްމު ބައިވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއަށް ޗައިނާއިން ދޭ އެހީތެރިކަމާއި، ހާއްސަކޮށް ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ދޭ އެހީތެރިކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހާ ހިއްސާ ކުރެވުނު ސްޓޭޑިއަމްގެ ކުރެހުމަކީ 2023 ގައި ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ގޮތުން ކުރުމަށް ހަމަޖައްސާފައިވާ މަސައްކަތެއްކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.