ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.
އަދާލަތު ޕާޓީން މިއަދު އާންމު ކުރި އިއުލާނެއްގައި ވަނީ މިއަހަރުގެ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި މިއަދުން ފެށިގެން ހުށަހެޅޭނެ ކަމަށް ބުނެފައެވެ.
އެގޮތުން އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެޕާޓީން އެދިފައިވެއެވެ. އަދި އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓަށް އެދޭ ފޯމާއި ގާނޫނީ ފޯމު ފުރުމަށް ފަހު ޕާޓީގެ މައި އޮފީހަށް ހުށަހެޅުމަށް އެޕާޓީން އެދެއެވެ.
ޕާޓީގެ އީމެއިލް، [email protected] އަށް ވެސް ފޯމު ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް އެޕާޓީން ބުނެއެވެ. ނަމަވެސް މެއިލް ކުރާ ފަރާތްތަކުން މެއިލް ކުރަންވާނީ ފޯމާއި ހުށަހަޅަން ޖެހޭ ތަކެތީގެ ކުލަ ސްކޭނެއްގައި، PDF ފޯމެޓަށް ކަމަށް އެ ޕާޓީން ބުނެއެވެ.
މިއަހަރު ގިނަ ބަދަލުތަކަކާއެކު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އޭޕްރީލް ހަތަރެއްގައެވެ.