ސްރީ ލަންކާގެ ފުލުހުން މުޅި އެގައުމުގައި ހިންގި އޮޕަރޭޝަނެއްގައި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހިންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ކޯޓަށް ފޮނުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިސާއާ ނުލައި ލަންކާގައި އުޅުމާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައި ކަމަށެވެ.
އޭގެ ތެރެއިން ދައުވާ ކުރަން ފޮނުވި ދިވެހި ދެ ފިރިހެނުން ފިޔަވާ އެންމެން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޯޓަށް ފޮނުވި ދެމީހުންގެ ތެރެއިން އެކަކީ ނުވަ މަސް ދުވަހު ވިސާ ނެތި ލަންކާގައި އުޅެ، އަދި ދިވެހި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ އަށް މަސްވެފައިވާ މީހެއް ކަމަށެވެ.
ދެވަނަ މީހާގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރުގައި އުޅެ، ލަންކާއަށް އެތެރެކުރުން މަނާ ސިނގިރޭޓްގެ ބާވަތެއް އެތެރެކޮށް، ބޭނުންކުރުމުގެ ތުހުމަތުގައެވެ.
ރޭ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހިންގެ ތެރޭގައި ކުޑަ ތިން ކުދިން ހިމެނެއެވެ. އެ ތިން ކުދިންނާއި އެކުދިންގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމީހުން ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެމީހުންގެ ޕާސްޕޯޓް ނެތުމުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ އެމީހުންގެ ޕާސްޕޯޓް، ވިސާ ޖެހުމަށް ސްރީލަންކާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމުގެ ލިޔުން ގެނައުމުން، އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވިސާ ނެތި އެއް ދުވަހު ލަންކާގައި އުޅުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު މިއަދު ހެނދުނު ދޫކޮށްލާފައިވާއިރު، ވިސާ ނެތި ހަ މަސްދުވަހު ލަންކާގައި އުޅުނު އަންހެނަކު ވަނީ ޖޫރިމަނާ ދައްކަން އަންގައި، ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.
ރޭ ދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޮފީ ޝޮޕެއްގައި ތިބި ހަތަރު ފިރިހެނުންނެވެ. ފޮރިން މިނިސްޓްރީން ބުނީ، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ތިބުމުން ކަމަށެވެ. ނަމަވެސް އެމީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އާއްމު ތަންތަނުގައި ނޫޅުމަށާއި ގޭގައި ތިބޭއިރުވެސް ކަމާބެހޭ ފަރާތްތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ފަސޭހައިން ނެގޭ ގޮތަށް ޕާސްޕޯޓުތައް ބެހެއްޓުމަކީ ލަންކާ ސަރުކާރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް އަންގާފައިވާ ކަންކަމެވެ.
އެގޮތުން އެކަންކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ތަކުރާރުކޮށް އިލްތިމާސްކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެގޮތަށް ގާނޫނާއި ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާއްމުކޮށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ތަކުރާރުކޮށް ފާހަގަވަމުންދާ ކަމަށެވެ.
އޭގެ އިތުރުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ހުރި ލުއިފަސޭހަތަކުގެ ނާޖާއިޒު ބޭނުންކުރާ މަދު ބައެއްގެ ސަބަބުން އާއްމުކޮށް ދިވެހިންނާ ދޭތެރޭ އެގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، އެފަދަ ލުއިތަކާއި އިނާޔަތްތަކަށް ބުރޫ އެރުމަކީ ވެދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.