ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ދެ ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖެ އެތެރެވާން މަސައްކަތް ކުރަނިކޮށް އަތުލައިގަތީ 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހުން އަތުލައިގައިތީ ސައްހަ ނޫން ރެސިޑެންޓް ކާޑުތަކެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް މައުލޫމާތުދެއެވެ.
ނަމަވެސް އެމީހުން ރާއްޖެ އައިސްފައިވަނީ ކޮން ގައުމަކުން ކަމެއް އަދި އެމީހުން ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.
ސައްހަ ނޫން ލިޔުންތައް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މިދިޔަ އަހަރު ވެސް އިމިގްރޭޝަނުން ހިފެހެއްޓިއެވެ. އޭގެ ތެރޭގައި ހިމެނެނީ އެހެން ބައެއްގެ ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކާއި ސައްހަ ނޫން ވޯކް ވިސާ ކާޑުތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު ބައެކެވެ.
ނަމަވެސް މިއިން އެއްވެސް މީހެއްގެ މައުލޫމާތެއް އަދި މިމީހުން ރާއްޖެ އެތެރެވަނީ ކޮން ގައުމުތަކަކުން ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން މީޑިއާތަކުން ސުވާލު ކުރުމުން ވެސް އެ މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށް ބުނެ، މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.