ޚަބަރު

ފުލުހުންގެ "ރިވެލި" އޮޕަރޭޝަން ނިންމާލިއިރު 17 މީހަކު ވަނީ ހައްޔަރުކޮށްފައި

އާނިފާ ހުސެއިން ސިރާޖް

އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަން "ރިވެލި" ނިންމާލައިފިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ އޮޕަރޭޝަންގެ ތެރެއިން 554 މީހަކު ވަނީ ހުއްޓުވައި ސުވާލުކޮށް ފޮނުވާލައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުށުގެ ރެކޯޑު އޮތް 306 މީހަކާއި ކުށުގެ ރެކޯޑު ނެތް 248 މީހެކެވެ.

ފުލުހުން ބުނީ އޮޕަރޭޝަންގެ ތެރެއިން ކުށުގެ ރިކޯޑު އޮތް 381 މީހަކާއި ކުށުގެ ރިކޯޑު ނެތް 134 މީހުންނާއެކު ޖުމްލަ 515 މީހުން ބަަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފުވި 825 މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ރިކޯޑު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮޕަރޭޝަން ކުރިއަށް ގެންދިޔަ 14 ދުވަހުގެ ތެރޭގައި ޖުމްލަ 3281 އުޅަނދެއް ޗެކުކޮށް އެ އުޅަނދުތައް ހުރީ ގަވާއިދާ އެއްގޮތައް ތޯ ބަލައިފައެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، އޮޕަރޭޝަން ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ވައްކަމުގެ 19 މައްސަލަ އަކާއި ފޭރުމުގެ ހަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ކޮންމެ ދުވަހަކު އަޕްޑޭޓް ވަމުންދާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ފުލުހުންނަށް ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.