ޚަބަރު

އާސަންދަ އަތުން ހޮސްޕިޓަލްގެ ހިންގުން ނެގި ނަމަވެސް އެއްވެސް ހިދުމަތަކަށް ބުރުލެއް ނާރާނެ: ހުޅުމާލެ ހޮސްޕިޓަލް

އާސަންދަ ކުންފުނީގެ އަތުން ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ނެގި ނަމަވެސް ފޯރުކޮށްދޭ އެއްވެސް ހިދުމަތަކަށް ބުރުލެއް ނާރާނެ އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ އާސަންދައިގެ އަތުން ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ނަގައި، "މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް" ކިޔާ މިނިވަން މުއައްސަސާއެއްގެ ދަށަށް ބަދަލުކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗް އާއި ވިލިމާލެ ހޮސްޕިޓަލް ވެސް ބަދަލުކުރާނީ އެ މުއައްސަސާގެ ދަށަށެވެ.

އެކަމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލް ހިންގަމުން ގެންދާނީ މާލެ ހޮސްޕިޓަލްސްގެ ގަވަނިން ބޯޑުގެ ދަށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި އަންގަވާފައިވާ ކަމަށެވެ.

އެ ބަދަލާއެކުވެސް ހޮސްޕިޓަލުން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކަށް ބުރުލެއް ނާރާނެ ކަމަށާއި ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ލިބެމުންދާނެ ކަމަށް ބަޔާނުގައިވެއެވެ.

އޭގެ އިތުރުން ސަރުކާރުގެ އެހެން ހޮސްޕިޓަލް ތަކެކޭ އެއްފަދައިން އާސަންދަ ސްކީމުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ވެސް ލިބިގެންދާނެ ކަމަށާއި އަދި ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް" ކިޔާ މިނިވަން މުއައްސަސާގެ ދަށުން އުފައްދާ ގަވަނިން ބޯޑުގެ ދަށަށް ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗް ބަދަލުކުރަން ސަރުކާރުން ނިންމި ނަމަވެސް، އެ ބޯޑު އަދި އެކުލަވާލައިފައެއް ނުވެއެވެ.