ކ. ކަގި ކައިރިއަށް ފަރަށް އެރި މުދާ އުފުލާ ދޯނިން ކަނޑަށް ވެއްޓި ގެއްލުނު ދިވެހި މީހަ ހޯދުމަށް ކޮސްޓް ގާޑުގެ ޑައިވަރުން ޑައިވް ކުރަން ފަށައިފިއެވެ.
"ޓީޓީއެސް ފާން" ނަމަކަށް ކިޔާ އެ ދޯނި ކ. ކަގި ފަރަށް އެރިކަމުގެ މައުލޫމާތު މޯލްޑިވްސް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 8:09 ގައެވެ. ހާދިސާ ހިނގިއިރު ދޯނީގައި ތިބީ ކެޕްޓަނަކަށް ހުރި 37 އަހަރުގެ ދިވެއްސަކާއި ދެ ބިދޭސީންނެވެ.
އެރިޕޯޓާ ގުޅިގެން އެމްއެންޑީއެފް ކޯސްޓް ގާޑުގެ ފާސްޓް އިންޓަސެޕްޓާ ކުރާފްޓް، ވެލާނާ ހަރަކާތްތެރިވާން ފަށާފައިވާއިރު، ޑައިވަރުން ވެސް މިހާރު ދަނީ އެ ސަރަހައްދުގައި ޑައިވް ކުރަން ފަށައިފައެވެ.
އެމްއެންޑީއެފުން ބުނީ މިހާތަނަށް ކުރި ޑައިވްތަކުން އެ މީހާ ފެނިފައެއް ނުވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ އަޑިން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވާ ކަމަށް މައުލޫމާތުދެއެވެ.
ފަރަށް އެރި ދޯންޏަކުން މޫދަށް ވެއްޓި ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކު ވަނީ ގެއްލިފައެވެ.
ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި އެއަތޮޅު ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެ އެކްސިޑެންޓަކަށްފަހު ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.
އެމްއެންޑީއެފުން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ވައިގެ މަގުން އޭނާ ހޯދުމުގައި ހަރަކާތްތެރިވަމުންދާއިރު، ޑައިވަރުންގެ އިތުރުން އެމްއެންޑީއެފް ލޯންޗުން ކަނޑުގެ ސާވޭސް އޭރިއާ ބަލަމުންދާ ކަމަށެވެ.