ޚަބަރު

ސަރަނގު އާދަމް މަނިކު ވެސް މޭޔަރު ކަމަށް!

މުހައްމަދު ޝަހީމް

އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވަން، މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެން ސަރަނގު ވަނީ، 2011 ވަނަ އަހަރު މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންފައެވެ. ނަމަވެސް ފަސް ވަރަކަށް މަސް ފަހުން މޭޔަރު ކަމުން އިސްތިއުފާ ދެއްވައި، ދައުރު ނިމެންދެން ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއެވެ.

ސަރަނގު "ވަން" އަށް ވިދާޅުވީ އޭނާ މޭޔަރު ކަމަށް ވާދަކުރައްވާނީ އެމްޑީޕީ ޓިކެޓުގައި ކަމަށެވެ. އަދި އެ ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ލިބިއްޖެނަމަ ކުރިއަށްދާން މަސައްކަތް ކުރާނީ ހުރިހާ ބޭފުޅުންނާއެކު މަޝްވަރާކޮށް، އެންމެންގެ ހިޔާލާއެކު ކަމަށް ވިދާޅުވިއެވެ.

"މާލެއަކީ ސަތޭކަ ޕަސެންޓް އެމްޑީޕީއެއް ނޫން، ރާއްޖޭގެ ވެރިކަންކުރާ ރަށަށް ވެފައި ބައިވަރު ބައިވަރު ޕާޓީތައްވެސް އެބައުޅޭ، އެހެންވީމާ އެބޭފުޅުންގެ އިހުސާސްތައް ވެސް އޭގަ ޝާމިލު ކޮށްގެން ނޫންތޯ ކުރިޔަށްދެވޭނީ؟ އެންމެން ވެސް ބޭނުންވާނީ އެއް ކަމެއް. އެއީ މާލެއަށް ރަނގަޅު ގޮތްގޮތްވުން،" ސަރަނގު ވިދާޅުވިއެވެ.

ސަރަނގު އިތުރަށް ވިދާޅުވީ ކުރިއަށް ދެވޭނީ އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލު ކުރުމާއި ކޮރަޕްޝަން ނައްތާލައިގެން ކަމަށާއި އެހެން ނޫނީ ގައުމުތަކަށް ވިކި ހުސްވާނެ ކަމަށެވެ. އަދި ބަޔަކު ގޮވައިގެން ކުރިޔަށް ދެވޭނީ އެކުރާ ކަމެއްގެ ތަޖުރިބާ ހުރި މީހަކަށް ކަމަށް ވިދާޅުވިއެވެ.

"ލީޑަރެއްގެ ހައިސިއްޔަތުން ބަލާއިރުގައި ތަޖުރިބާ ބޭނުންވާނެ. ހަގީގަތަކީ އަޅުގަނޑު މުނިސިޕަލްޓީގެ ރައީސަކަށް ހުރެގެން ކުރަންފަށާފައި ހުރި ކަންތައްތަކާ، އަދި މޭޔަރުކަމުގައި ހުރި ދުވަސްވަރު ކޮށްދެއްވި ކަންތައް. ބަހުގެ ހިދުމަތް ދިނުން، ވެށިފެހި މާލެ، މާރުކޭޓް މައްސަލަތައް، މަގުތައް އަމާން ކުރުން ފެށި، ރަނގަޅު ކުރެވިފައިހުރި ކަންކަން މިހާރު މިހުރީ އަނެއްކޮޅަށް ޖެހިފަ،" ސަރަނގު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ސަރަނގު ހާމަކޮށްފައިވާއިރު އެ ދާއިރާއަށް އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން މިވަނީ ބޮޑުވެފައެވެ.

އެގޮތުން މާލެ ސިޓީ މޭޔަރު ކަމުގައި މިހާރު ހުންނެވި ޝިިފާ މުހައްމަދާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފު އަދި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒުގެ އިތުރުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ވެސް މާލޭ މޭޔަރު ކަމަށް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވައިފައެވެ.

އޭގެ އިތުރުން އެމްޑިޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވެސް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވިއެވެ. ނަމަވެސް ކުއްލި އާއިލީ ޒިންމާ ތަކަކާއި ގުޅިގެން އެ މަގާމަށް ކުރިމަތި ލެއްވެން ނެތް ކަމަށް އޭނާ ފަހުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހު 31 ވަނަ ދުވަހުއެވެ.