އަވައްޓެރި ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ 12 ދިވެހިންގެ ތެރެއިން ނުވަ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އެކި މައްސަލަތަކާ ގުޅިގެން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ ދިވެހިންގެ ތެރެއިން، ފަސް މީހުން ގެންދިޔައީ ހަަމައެކަނި ސުވާލު ކުރުމަށް ކަމަށާއި އެމީހުން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އިއްޔެ ހެނދުނު 6:00 އިން ފެށިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކޮންސިއުލާ، ކޮހުވެލަ ޕޮލިސް ސްޓޭޝަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެގޮތުން ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
ނަމަވެސް ބާކީ ތިބި ތިން މީހުން އަދިވެސް ތިބީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެމީހުން ހައްޔަރު ކުރިކަން ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
އިތުބާރުހުރި ފަރާތަކުން "ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ޕާސްޕޯޓާއި ވިސާގައި މައްސަލަތަކެއް އުޅޭތީއެވެ.
އެހެންކަމުން ފޮރިން މިނިސްޓްރީން ވަނީ މަގުމައްޗަށް ނުކުންނައިރު އަތުގައި ޕާސްޕޯޓު ބޭއްވުމަށާއި އަދި ޕާސްޕޯޓު އެމްބަސީ ނުވަތަ އިމިގްރޭޝަނުގައި އޮތްނަމަ، ދޫކޮށްފައިވާ ލިޔުން ނުވަތަ އެހެންވެސް ލިޔެކިޔުމެއް ހިފައިގެން ނޫނީ ނުނިކުތުމަށް އިލްތިމާސް ކޮށްފައެވެ.
އޭގެ އިތުރުން ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ޔަގީން ކުރުމަށާއި ވިސާ މުއްދަތު ހަމަވުމުގެ ކުރިން ވިސާ އާކުރުމަށް އަދި ބޭރުގެ ގައުމުތަކުގައި ދިވެހިން އުޅޭއިރު އެ އުޅޭ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ދިވެހިންގެ ކިބައިން އެދިފައެވެ.