މިދިޔަ ހުކުރު ދުވަހުން ފެށިގެން ކ. މާފުށީ ޖަލުގައި ރިމާންޑު މީހުން ހިނގަމުންދާ ހަމަނުޖެހުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ނެރުނު ބަޔާނުގައިވާ ވާހަކަތައް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް (އައިސީއެސް) އަހުމަދު މުހައްމަދު ދޮގުކޮށްފިއެވެ.
އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަކީ ޖަލުތަކުގެ ހާލަތާއި އެތަންތަނުގައި ކަން ހިނގާގޮތް ބަލައި ހޯމް މިނިސްޓަރަށް އެކަންކަން ރިޕޯޓު ކުރުމަށް އައްޔަންކުރާ މީހެކެވެ.
އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި އޮފިސަރުންނާއި ރިމާންޑު ބަންދުގައި ތިބި މީހުންނާއި ދެމެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެނގިގެން އެކަން މޮނީޓާ ކުރަމުންދިޔަ ކަމަށެވެ.
އެކަންކަން އިތުރަށް އޮޅުން ފިލުވުމަށާއި ގޮޅިތައް ބަލައި ފާސްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރާ އޮފް ޕްރިޒަންސްގެ އެދުމުގެ މަތިން އިއްޔެ މާފުށީ ޖަލަށް ޒިޔާރަތްކޮށް، ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވި މަންޒަރު އޮބްޒާވް ކުރި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ އޮޕަރޭޝަނަށް ހުރަސް އެޅުމުން ބާރުގެ ބޭނުން ކުރި ކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން މީޑިއާއިން ތަކުރާރުކޮޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވައި، ކަރެކްޝަންސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރިމާންޑް މީހުން ހިތްހަމަނުޖެހިގެން އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖެހި ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން އޮފިސަރުން އަމަލު ކުރީ ކެތްތެރިކަމާއެކު އެމީހުންނަށް ވިސްނައި ދިނުމަށް ކަމަށާއި ރިމާންޑުގައި ތިބި މީހުންނާއި އޮފިސަރުންގެ ކުރިމަތިލުމެއް ނުހިނގާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން މާފުށި ޖަލަށް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ޒިޔާރަތްކުރެއްވީ ރިމާންޑުގައި ތިބި ހާލަތު ދެނެގަތުމަށް ކަމަށާއި ފުލުހުން ޖަލަށް ޒިޔާރަތްކުރީ ރިމާންޑު ބަންދުގައި ހުރި މީހަކަށް ގޮޅީގައި ތިބި މީހުން އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށް ވެސް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.