ޖަޕާނުގެ ހިލޭ އެހީގެ ދަށުން ނ. ހޮޅުދޫގައި ކުނި ނައްތާ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހޮޅުދޫގައި ގާއިމުކުރާ ކުނި ނައްތާލާ އިންސިނެރޭޓަރަކީ ޖަޕާނުގެ ގްރާސް ރޫޓް ހިއުމަން ސެކިއުރިޓީ (ސީޖީޕީ)ގެ ދަށުން، 301،755 ޑޮލަރު (4،526،325 ރުފިޔާ)ގެ ހިލޭ އެހީގެ ދަށުން ގާއިމުކޮށްދޭ ނިޒާމެކެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނާއީ ކެއިކޯއެވެ. ހޮޅުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރެވެ.
ޖަޕާނު އެމްބަސީން ބުނީ ހޮޅުދޫގައި ގާއިމުކުރަން އެއްބަސްވި އިންސިނެރޭޓަރަކީ ރާއްޖޭގައި ގާއިމުކުރެވޭ ފުރަތަމަ ދުން ނާރާ ކުނި ނައްތާ ނިޒާމެއް ކަަމަށެވެ. އެގޮތުން ޖަޕާނުގެ ތޯމަސް ޓެކްނިކަލް އިންސްޓިޓިއުޓުން ގަާއިމުކޮށްފައިވާ ޒަމާނީ އެ އިންސިނެރޭޓަރުން ޕްލާސްޓިކާއި ބަދިގޭ ކުނި އަދި ގްރީން ވޭސްޓްފަދަ ގިނަ ބާވަތްތަކެއްގެ ކުނި، އެއްވެސް ވިހަ ދުމަކާ ނުލައި ނައްތާލެވޭނެއެވެ.
ސީޖީޕީ ސްކީމަކީ ޖަޕާނުގެ އޮފިޝަލް ޑިވޮލަޕްމަންޓް އެސިސްޓެންސް (އޯޑީއޭ)ގެ ދަށުން ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން އާންމު ރައްޔިތުން ބާރުވެރިކޮށް އެމީހުންނަށް އެހީވުމަށް އެކުލަވާލައިފައިވާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ތައުލީމީ ދާއިރާ އާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާއަށް ޖަޕާނުން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ.