މުވައްޒަފުންނަށް އެންމެ ކުޑަ އަދަދަކަށް ދެވޭނެ މުސާރަ ނުވަތަ މިނިމަން ވޭޖް އަކީ 5،000 ރުފިޔާއަށް ބޮޑު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ހަރަދުތަކަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ފުރަތަމަ މަރުހަލާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ ބައެއް މަސައްކަތު މީހުންނަށް ލިބޭ މުސާރަވެސް ސަރުކާރުންދޭ އެލަވެންސްތަކަށް ވުރެ ކުޑަ ކަމަށެވެ.
އަނާރާ ވިދާޅުވީ ބައެއް މަސައްކަތު މީހުންނަށް ލިބޭ މުސާރައަކީ ގާތްގަނޑަކަށް 3،000 ވަރަކަށް ރުފިޔާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން ލިބޭ އެލަވެންސް ވެސް އެއަށްވުރެ ބޮޑު ކަމަށެވެ.
"ސަރުކާރުގެ ފަރަތުން އެކި ފަރާތްތަކަށް ލިބޭ އެލަވެންސް ވެސް އެބަ އުޅޭ 5،000 ރުފިޔާގައި. އެހެންކަމުން މިނިމަން ވޭޖެއް އެބަ ޖެހޭ ކަނޑައަޅަން،" އޭނާ ވިދާޅުވިއެވެ.
މިނިމަން ވޭޖް ބޮޑުކުރަން ޖެހޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންނަށް ލިބޭ އެލަވެންސް ބޮޑު ކުރަން ޖެހޭ ކަމަށްވެސް އަނާރާ ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ މިހާރު އެފަރާތްތަކަށް ލިބޭ ފައިސާ އަކީ އެކަށީގެންވާ އަަދަދެއް ނޫން ކަމަށެވެ.
އަނާރާ މިހެން ވިދާޅުވެފައި ވާއިރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންގެ އެލަވެންސް ބޮޑުކުރުމަށް ބިލެއް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.