އައްޑޫ ސިޓީގެ ތިން އަވަށެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ މަސައްކަތައް ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.
އެ މަސައްކަތުގެ ކޮންސަލްޓެކްސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެ އިއުލާނުގެ މުއްދަތު ވަނީ ހަމަވެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އައްޑޫގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމަށް ކޮންސަލްޓަންޓަކު ހޯދުމަށް ކުރިން ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ 12:00 އަށެވެ. ބީލަން ބަލައިގަތުމާއި އަދި ބީލަން ހުށަހެޅުން އޮންނާނީ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގައި ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.
ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީތައް ގާއިމްކުރުމަކީ ސަރުކާރުގެ ވައުދެއެވެ. އެގޮތުން އިންޑިއާގެ އެހީގައި މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އިފްތިތާހުކުރި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމް ކުރަން ހަމަޖެހިފައި ވަނީ ހިތަދޫ އާއި ހުޅުދޫމީދޫ އާއި މަރަދޫގައެވެ.