ޚަބަރު

ލާމަރުކަޒީކޮށް ހިދުމަތް ބޭނުންނަމަ ކައުންސިލްތަކަށް ހޮވަންވީ އެމްޑީޕީ ނޫން އެހެން ޕާޓީތައް: ނިހާން

4

ލާމަރުކަޒީކޮށް ހިދުމަތް ބޭނުންނަމަ ކައުންސިލް ތަކަށް ހޮވަންވީ އެމްޑީޕީ ނޫން އެހެން ޕާޓީތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ "ހަބަރަށްފަހު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނިމި ނުކުންނަ ނަތީޖާއިން ދޮގާއި މަކަރު ހެދީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެކަން އެގޮތަށް ވިޔަ ނުދިނުމަށް އަދި އިހުލާސްތެރިކަން މިނެ ކިރާލަން ކައުންސިލުތަކަށް އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ފިޔަވައިވާ ދެންހުރި ޕާޓީތަކަށް ދޫކޮށްލަބަލަ ސަރުކާރުގެ އިހްލާސްތެރިކަން ޗެކުކޮށްލަން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ކައުންސިލްތަކަށް ކޮންމެ ޕާޓީއެއްގެ ކައުންސިލަރުން އިންތިހާބުވި ނަމަވެސް ސަރުކާރުން ކައުންސިލްތަކަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭންޖެހޭ ކަމަށެވެ. އަދި ކައުންސިލުން ވެސް ރައްޔިތުންގެ ތަރައްގީއަށްޓަކައި ދޭންޖެހޭ އެއްބާރުލުންދީ އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން ދަނޑެއް އަޅަން ބޭނުން ވިޔަސް އެ ކައުންސިލަކީ އެހެން ޕާޓީއެއްގެ ކައުންސިލަކަށްވާތީވެ އެކަން ވިޔަނުދޭން، ސަރުކާރުގެ އަގުވައްޓާލަން އެބަހުރި ކަންތައް ކޮށްފަ. އަޅުގަނޑުމެނަށް ފެނިފަ އެބަހުރި އެމަންޒަރު،" ނިހާން ވިދާޅުވިއެވެ.

އިދިކޮޅަށް ކައުންސިލު ދީގެން ވެސް ބައެއް ބޮޑެތި ކާމިޔާބީތައް ހާސިލްކޮށްފައި އެބަހުރިކަން ފާހަގަކުރައްވާ ނިހާން އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ފެއިލްވެފައި އޮތް ސިސްޓަމެކޭ ބުނެވޭކަށް ނެތް ކަމަށާއި މިއަށްވުރެ ރަނގަޅަށް މިކަން ކުރެވޭނެ ގޮތްތަކެއް މިހާރުގެ ސަރުކާރަށާއި ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަށް ކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟