ޚަބަރު

ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 12 ދިވެހިން، ހަތް މީހަކު މާދަމާ ކޯޓަށް ހާޒިރުކުރާނެ: މިނިސްޓްރީ

ސްރީލަންކާގައި މިއަދު ޖުމްލަ 12 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށާއި ހަތް މީހަކު މާދަމާ ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން މިއަދު 6:00 އިން ފެށިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކޮންސިއުލާ، ކޮހުވެލަ ޕޮލިސް ސްޓޭޝަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 ދިވެހިންގެ ތެރެއިން ތިން ކުދިންނާއި އެކުދިންގެ މަންމަ މިހާރު ވަނީ ދޫކޮށްލައިފައެވެ. އިރުކޮޅެއްގެ ތެރޭގައި އިތުރު މީހަކު ވެސް ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއުވާން ވިދާޅުވީ ފަސް މީހަކު މާދަމާ ކޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ލިޔެކިޔުންތައް ފުރިހަމަކޮށް، ޖޫރިމަނާ ދެއްކުމުން އެމީހުން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

އޭގެ އިތުރުން ވިސާ ހަމަވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހަކު ވެސް މާދަމާ ކޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މަގުމައްޗަށް ނުކުންނަ ކޮންމެ ފަހަރަކު އަތުގައި ޕާސްޕޯޓު ބޭއްވުމަށް ފޮރިން މިނިސްޓްރީ އާއި އެމްބަސީން އިލްތިމާސްކުރެއެވެ. އަދި ޕާސްޕޯޓު އެމްބަސީ ނުވަތަ އިމިގްރޭޝަނުގައި އޮތް ނަމަ، ދޫކޮށްފައިވާ ލިޔުން ނުވަތަ އެހެންވެސް ލިޔެކިޔުމެއް ހިފައިގެން ނޫނީ ނުނުކުތުމަށް އިލްތިމާސްކުރެއެވެ.