ޚަބަރު

ލަންކާ އިން ހައްޔަރުކުރި ހަ ދިވެހިންގެ ތެރެއިން ތިން ކުދިންނާއި އެކުދިންގެ މަންމަ ދޫކޮށްލައިފި

ސްރީލަންކާ އިން ހައްޔަރުކުރި ހަ ދިވެހިންގެ ތެރެއިން ތިން ކުދިންނާއި އެކުދިންގެ މަންމަ ދޫކޮށްލައިފިއެވެ.

އިތުބާރު ހުރި ފަރާތަކުން "ވަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ތިން ކުދިންނާއި އެކުދިންގެ މަންމަ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާ އިން ހަ ދިވެހިން ހައްޔަރުކުރުމާ ގުޅިގެން އެމީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"އެއްވެސް ޝަރީއަތެއް މިވަގުތު ކުރިއަކަށް ނުދޭ. އެހީތެރިކަން ފޯރުކޮށްދިނުމަށް މިވަގުތު އެމްބަސީގެ ސްޓާފުން ދަނީ ހަރަކާތްތެރިވަމުން،" ފޮރިން މިނިސްޓްރީގެ ޑިރެކްޓާރ، ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވިއެވެ.

ހައްޔަރު ކުރެވުނީ ކޮން މައްސަލައަކާ ގުޅިގެންތޯ "ވަން" އިން ސުވާލުކުރުމުން މިއުވާން ވިދާޅުވީ މިވަގުތު އެއްޗެއް ބުނަން ދަތި ކަމަށާއި ބައެއް ކަންކަން ސާފުވީމަ އެކަމުގެ ތަފްސީލު ދެއްވާނެ ކަމަށެވެ.

އިތުބާރު ހުރި ފަރާތަކުން "ވަން"އަށް މައުލޫމާތު ދިން ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ޕާސްޕޯޓާއި ވިސާގައި މައްސަލަތަކެއް އުޅޭތީއެވެ. އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކު ހިމެނެއެވެ. އަދި ކުޑަކުދިން ވެސް ހިމެނެއެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ހައްޔަރުކުރި މީހާގެ ޕާސްޕޯޓު ހަމަވެފައި އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އޭނާ ވިސާ ނެތި ނުވަ މަސްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެ ހަ ދިވެހިން ވެސް އެމީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ފުލުހުން ބަލައި ފާސްކުރުމަށްފަހުއެވެ.