ޚަބަރު

ކުޑަކުދިން ހިމެނޭ ގޮތަށް ލަންކާއިން ހަ ދިވެހިން ހައްޔަރުކޮށްފި

މުހައްމަދު ޝަހީމް

ސްރީލަންކާއިން ހަ ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދުގެ ވަގުތެއްގައި ހަ ދިވެހިން ގެންގޮސްފައިވާކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދެއެވެ. މިނިސްޓްރީއިން ބުނީ ހައްޔަރު ކުރި މީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީން ގެންދަނީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"އެއްވެސް ޝަރީއަތެއް މިވަގުތު ކުރިއަކަށް ނުދޭ. އެހީތެރިކަން ފޯރުކޮށްދިނުމަށް މިވަގުތު އެމްބަސީގެ ސްޓާފުން ދަނީ ހަރަކާތްތެރިވަމުން،" ފޮރިން މިނިސްޓްރީގެ ޑިރެކްޓާރ، ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވިއެވެ.

ހައްޔަރު ކުރެވުނީ ކޮން މައްސަލައަކާ ގުޅިގެންތޯ "ވަން" އިން ސުވާލުކުރުމުން މިއުވާން ވިދާޅުވީ މިވަގުތު އެއްޗެއް ބުނަން ދަތި ކަމަށާއި ބައެއް ކަންކަން ސާފުވީމަ އެކަމުގެ ތަފްސީލު ދެއްވާނެ ކަމަށެވެ.

އިތުބާރު ހުރި ފަރާތަކުން "ވަން"އަށް މައުލޫމާތު ދިން ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ޕާސްޕޯޓާއި ވިސާގައި މައްސަލަތަކެއް އުޅޭތީއެވެ. އޭގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކު ހިމެނެއެވެ. އަދި ކުޑަކުދިން ވެސް ހިމެނެއެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ހައްޔަރުކުރި މީހާގެ ޕާސްޕޯޓު ހަމަވެފައި އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އޭނާ ވިސާ ނެތި ނުވަ މަސްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެ ހަ ދިވެހިން ވެސް އެމީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ފުލުހުން ބަލައި ފާސްކުރުމަށްފަހުއެވެ.

މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ވެސް ބައެއް ދިވެހިން ވަނީ ހައްޔަރު ކޮށްފައެވެ.

ސަރަހައްދީ ގައުމުތަކުގެ ތެރެއިން ލަންކާއަކީ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއް ގައުމެވެ.