ޚަބަރު

ރައީސް މައާފު ނުދެއްވާ ގައިދީއަކު މިނިވަންކުރިކަމުގެ ތުހުމަތުގައި މުނާޒުގެ މައްސަލައެއް އޭސީސީއަށް

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދީފައިވާ ގައިދީއެއް ކަމަށް ބުނެ، ގައިދީއަކު މިނިވަންކުރި ކަމަށް ތުހުމަތުކޮށް ކޮމިޝަނާ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން މިއަދު އޭސީސީއަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ ގައިދީން މިނިވަން ކުރުމަށް ހިންގާފައިވާ ޕްރޮގުރާމެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގައިދީއަކަށް އަދަބު ލުއިކޮށްދިނުމަށް ކަރެކްޝަނަލް ސާވިސްއަށް ފޮނުވާފައިވާ ސިޓީގެ ނަންބަރާ ހަވާލާދީ އެހެން ގައިދީއަކު މިނިވަންކުރުމަށް ލިޔުމެއް ދޫކޮށްފައިވާ ކަަމަށެވެ.

ސިޓީގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދޭން އަންގާފައިނުވާ ގައިދިއެއް ކަމަށްވާ، ލ.ގަން ތުނޑި، އެދީވިލާ، މައުސޫމް މޫސާ މިނިވަންކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށްބުނެ ކޮމިޝަނާ އޮފް ޕްރިޒަންސް ސޮއިކޮށް ލިޔުމެއް ދޫކުރުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާއަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ސިޓީގައި އެދިފައިވެއެވެ.

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގައިދީން މިނިވަންކުރުމަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެކެވެ.