އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު އުވާލައި ވިޔަފާރި ރަޖިސްޓަރީ ކުރުމަށް ފަސޭހަ ގޮތްތަކެއް ހިމަނައިގެން، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ. މަޖިލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އެ އިސްލާހު ތަސްދީގުކުރައްވައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި އިސްލާހުގައިވާ ގޮތުގެ މަތިން އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރުމުގެ ހުއްދައާއި، ސައިހޮޓާ ހިންގުމުގެ ހުއްދައާއި، ރެސްޓޯރެންޓު ހިންގުމުގެ ހުއްދައިގެ އިތުރުން ކެންޓީނު ހިންގުމުގެ ހުއްދަ ދޫކުރުން ހުއްޓާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އެ ވިޔަފާރިތަކުގެ ހުއްދަތަކާ ގުޅޭ މަހު ފީ ބަލައިގަތުން އިކޮނޮމިކް މިނިސްޓްރީންނާއި، ރަށު ކައުންސިލުތަކުން އަދި މީރާއިންވެސް ބަލައިގަތުން މިހާރު ހުއްޓާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރު އެއިން ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކުރުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީން އިތުރު ހުއްދައެއް ހޯދުމަކާ ނުލައި ވިޔަފާރި ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އޮންލައިން ވިޔަފާރިތައް ކުރިޔެކޭ އެއްގޮތަށް މިހާރުވެސް ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.
އަލަށް އަމަލު ކުރަން ފެށި ގާނޫނުގައި ވަނީ ބޭރު މީހުން ރާއްޖޭގައި އިންވެސްޓްކޮށް ވިޔަފާރި ކުރުމުގެ ދާއިރާ ވެސް އިތުރަށް ހަރުދަނާކޮށް، ބޭރުގެ އިންވެސްޓްމެންޓްތަކަށް ފަހި ވާނެ ގޮތަށް ބަދަލުތައް ގެނެސްފަ އެވެ.