މިދިޔަ އަހަރު ނިމުނު އިރު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މެންބަރުންގެ އަދަދު ދަށަށް ގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމު ކުރި ސިޔާސީ ޕާޓީތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރިކޯޑު އަދަދަކާއެކު އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އަދިވެސް އޮތީ އެމްޑީޕީއެވެ. މިދިޔަ އަހަރު ނިމުނު އިރު އެ ޕާޓީގައި ޖުމްލަ މެންބަރުންގެ އަދަދު ވަނީ 54،101 އަށް އަރައިފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ އަދަދު ހުރީ 53،694 ގައެވެ. ނަމަވެސް އެއް މަސްދުވަހުގެ ތެރޭގައި 407 މެންބަރުން މިވަނީ އެ ޕާޓީއަށް އިތުރުވެފައެވެ.
އީސީގެ މިދިޔަ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ވެސް ދައްކާ ގޮތަށް، އަހަރު ނިމުނު އިރުވެސް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ފަހު ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. ނަމަވެސް ޕާޓީން 758 މެންބަރުން މަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ ނޮވެމްބަރު މަހު ޕީޕީއެމްގެ މެންބަރުންގެ އަދަދު 36،831 ގައި ހުރި އިރު، މިއަދު އީސީން އާންމުކުރި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ މެންބާޝިޕުގެ ސްޓޭޓަސް އިން ދައްކާ ގޮތުގައި އެ ދަދަދު ވަނީ 36،073 އަށް ދަށަށް ގޮސްފައެވެ.
އޭގެ އިތުރުން ޕީއެންސީގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 4367 މެންބަރުން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކާ އިރު، އެ އަދަދު މިހާރު 4221 އަށް ވެއްޓިފައިވާ ކަމަށް އީސީން ބުންޏެވެ. ޕީއެންސީ އޮތީ މެންބަރުންގެ އަދަދަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ލިސްޓުގެ ހަވަނައިގައެވެ. އެހެންކަމުން އެއް މަސްދުވަހުގެ ތެރޭގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޖުމްލަ 904 މެންބަރުން ވަނީ ވަކިވެފައެވެ.
މެންބަރުންގެ އަދަދަށް ބަލާއިރު ލިސްޓުގެ ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގައެވެ. އެއީ 11072 މެންބަރުނެވެ. ޖުމްހޫރީ ޕާޓީއަށްވެސް ވަނީ އަހަރު ނިމުނު އިރު މެންބަރުންގެ އަދަދު އިތުރުވެފައެވެ.
ޖުމްލަ 8،805 މެމްބަރުންނާއެކު ރާއްޖޭގައި ހަތަރުވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީއޭ އެވެ. އަދި 6789 މެންބަރުންނާއެކު އަދާލަތު ޕާޓީ އޮތީ ފަސްވަނައިގައެވެ. ލިސްޓުގެ ހަވަނައިގައި އޮތީ ޕީއެންސީއެވެ. ހަތް ވަނައިގައި އޮތް އެމްޓީޑީގައި 3279 މެންބަރުން ތިބި އިރު، ޖެހިގެން އޮތް ޑީއާރުޕީގައި 3033 މެންބަރުން އެބަތިބި ކަމަށް އިލެކްޝަނުން ބުނެއެވެ.
މެންބަރުންގެ އަދަދު އެންމެ ދަށުގައި އުޅެނީ މޯލްޑިވްސް ލޭބާ ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގައެވެ. އެއީ ލޭބާ ޕާޓީގައި 2977 މެންބަރުން އަދި އެމްއާރުއެމްގައި 2851 މެންބަރުންނެވެ.
ނަމަވެސް މިދިޔަ މަސް ނިމުނު އިރު ބައެއް ޕާޓީތަކުން ސަބްމިޓްކޮށް ޕްރޮސެސް ނުކުރެވި ހުރި މެންބަރުންގެ ފޯމުތަކެއް އެބަހުރި ކަމަށް އިލެކްޝަނުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ޖޭޕީގެ 1163 މެންބާޝިޕް ފޯމާއި ޕީޕީއެމްގެ 232 މެންބާޝިޕް ފޯމުގެ އިތުރުން އެމްއާރުއެމްގެ 232 ފޯމެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ 10 ޕާޓީއެއް އޮތް ކަމަށް އިލެކްޝަނުން އާންމު ކުރި މައުލޫމާތުން ދައްކައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޑީއާރުޕީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް އަދި އެމްއާރުއެމް އެވެ.
މީގެ އިތުރުން މުޅިން އަލަށް ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ވަނީ ހަތަރު ޕާޓީއަކަށް ދީފައެވެ. އެއީ ސަންރައިސް ޕާޓީ އާއި ދިވެހި އެންމެންގެ ޕާޓީއާއި ދިވެހި އުންމީދީ ޕާޓީގެ އިތުރުން މޯލްޑިވްސް ޖަސްޓިސް ޕާޓީއެވެ.