ރިމާންޑްގައި ތިބި މީހުންނާއި ޖަލު އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ނުހިނގާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަނުން މިހެން ބުނެފައިވަނީ ކ. މާފުށީ ޖަލު ޔުނިޓް ހަތަރެއްގައި ތިބި ރިމާންޑު ބަންދު މީހުން ގައިގައި ޖަލު އޮފިސަރުން ތަޅާ އަނިޔާކޮށް ޖަލުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދުދީ ނެރުނު ނޫސް ބަޔާނެއްގައެވެ.
ކަރެކްޝަންސްގެ ބަޔާނުގައި ބުނީ، ރިމާންޑުގައި ތިބި މީހުންނާއި އޮފިސަރުންގެ ކުރިމަތިލުމެއް ނުހިނގާ ކަމަށާއި ރިމާންޑް މީހުން ހިތްހަމަނުޖެހިގެން އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖެހި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އޮފިސަރުން އަމަލު ކުރީ ކެތްތެރިކަމާއެކު އެމީހުންނަށް ވިސްނައި ދިނުމަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ބުނީ ރިމާންޑް މީހުންގެ ބަންދުގެ މުއްދަތު ދިގުވަމުން ދިއުމުގެ އިތުރުން އެމީހުން އެދޭގޮތަށް ބޭސްފަރުވާގެ އިންތިޒާމު ކުރިއަށް ނުދާތީ އެ މީހުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ ކަމަށާއި އެ ކަންކަމަކީ ކަރެކްޝަނުން ވެސް ކަންބޮޑުވާ ކަންކަން ކަމަށެވެ.
މީގެ އިތުރުން މިއަދު މާފުށި ޖަލަށް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ޒިޔާރަތްކުރެއްވީ ރިމާންޑުގައި ތިބި ހާލަތު ދެނެގަތުމަށް ކަމަށާއި ފުލުހުން ޖަލަށް ޒިޔާރަތްކުރީ ރިމާންޑު ބަންދުގައި ހުރި މީހަކަށް ގޮޅީގައި ތިބި މީހުން އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ކަރެކްޝަންސްގެ އޮފިސަރުން ގައިދީންނަށް އަނިޔާ ކުރާ ކަމަށް ފެތުރުނު އަޑުތަކާއި ގުޅިގެން ހުކުރު ދުވަހު މުނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮފިސަރުންގެ އަމާޒަކީ އެކަންކުރާ މީހުންނަށް ހެޔޮ ވިސްނައިދީ އިސްލާހު ކުރުން ކަމަށެވެ.