ގަވައިދާ ހިލާފަށް މާލެއާއި ވިލިނގިލި ފަޅުގެ އެކި ސަރަހައްދުތަކުގައި ދަތުރުނުކޮށް އަޅާފައި އޮންނަތާ ގިނަދުވަސްވެފައިވާ އުޅަނދުފަހަރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ އުޅަނދުތަކުގެ ވެރިފަރާތުން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލެ ސީޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ގަވާއިދާ ހިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތި ރަޖިސްޓަރީނުކޮށް، އުޅަނދު ބަލަހައްޓާނެ ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކި ސަރަހައްދުތަކުގައި އަޅާފައި އޮންނަ އުޅަނދުފަހަރު ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.
އޭގެ އިތުރުން ސާފުތާހިރުކަމުގެ ސެޓްފިކެޓާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި މަސް ގެންގުޅޭ ފެކްޓްރީ ހަދައިގެން މަސްގެންގުޅުމާއި މަސް ވިއްކުމުގެ ހިދުމަތް ދިނުމާއި، އައިސް ފޮށި ބަހައްޓައިގެން މަސް ގުދަނެއްގެ ގޮތުގައި ބޭނުންކުރާ އަޅަނދުފަހަރާއި އަދި ރަޖިސްޓްރީ ނަންބަރު އެއްގޮތަކަށްވެސް ނުޖަހާ ހުންނަ އުޅަނދުތައް ގިނަވަމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން ބުނީ އެފަދަ އުޅަނދުފަހަރުގެ ސަބަބުން ވަރަށް ބޮޑަށް ދަތިތައް ވަމުންދާ ކަމަށާއި ޒިންމާވާނެ ފަރާތެއް ނެތި ފަޅުތެރޭގައި އެގޮތަށް އަޅާފައި އޮންނަ އުޅަނދުފަހަރުގައި ތަފާތު ކުށްތައް ކުރުންވެސް އިތުރުވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން މިމަހުގެ 15 ވަަނަ ދުވަހުގެ ނިޔަލަށް އެފަދަ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެ އުޅަނދުފަހަރު މާލެއާއި ވިލިނގިލި ފަޅުން ނެގުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެރިފަރާތްތަކުން އެ އުޅަނދުތައް ނުނަގައިފި ނަމަ، އެ އުޅަނދުފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރު ކަމަށް ބަލައި "މާލެއާއި ވިލިނގިލި ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދު" ގެ ދަށުން ފުލުހުންނާއި ކައުންސިލު ގުޅިގެން އަޅަނދުތައް އެ ސަރަހައްދުން ނަގައިގެން އެފަދަ އުޅަނދުފަހަރު ބޭއްވުމަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދާނެ ކަމަށެވެ. ކައުންސިލުގެ ފަރާތުން އުޅަނދު ނެގުމުގެ ތެރޭގައާއި، ނެގުމަށްފަހު އުޅަނދާއި އުޅަނދުގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ބޭނުން ނުކޮށް ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމަށް ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފައިވާ އިރު، މި މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ފަޅުތެރެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވަނީ ވިދާޅުވެފައެވެ.
މާލޭގެ ފަޅުގެ ދަތިކަމަށް އަޅުގަނޑުމެން ހައްލު ހޯދާނީ މާލެއާއި ވިލިމާލެއާ ހުޅުމާލޭ އެއްކޮށްލައިގެން ތިން ތަނަށް ބަހާލައިގެން ކަމަށާއި ބޭނުމަކީ ތަރުތީބުން ކަަންކަން ކުރުން ކަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން އެކި ކަންކަމަށް ބޭނުންކުރާ އުޅަނދަށް އެކި ސަރަހައްދު ކަނޑައެޅިގެންދާނެ ކަމަށް ޝަމާއު ވިދާޅުވެފައިވެއެވެ.