ޚަބަރު

ރަހީނުކޮށް ފޭރުނު ކަމަށް ބުނި ފައިސާތައް ހޯދީ، އެކަން ރިޕޯޓުކުރި މީހާގެ އަތުން!

މަރިޔަމް ޝަހުދާ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ޗެކުތަކަކަށް ފައިސާ ނަގައިގެން ނުކުތް ތަނުން ރަހީނުކޮށް ފޭރުނު ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރި މީހާ ހެދި ދޮގުކަން ފަޅާ އަރައިފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅީ އަމިއްލަ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފަކު އެސްބީއައި އިން ދެ ކުންފުންޏެއްގެ ޗެކުތަކަކަށް ފައިސާ ނައިގެން ދަނިކޮށް ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ބެލުނު ކަންތައްތަކުން އެމީހާ ފުލުހުންނަށް ދޮގު މައުލޫމާތު ދީ، ދޮގު ރިޕޯޓެއް ކޮށްފައިވާކަން ކަށަވަރު ކުރެވުނު ކަމަށެވެ. އަދި އެކަން ކަށަވަރު ވުމާއެކު މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ރަހީނުކުރި ކަމަށް ބުނި 31 އަހަރުގެ ބަންގުލަދޭޝް މީހާ ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭތަން ބަލައި ފާސްކުރިއިރު އެތަނުން 8000 ޑޮލަރު ފެނިފައިވާ ކަމަށާއި އެ ޑޮލަރުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވީގޮތް ކިޔައިދިން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އޭނާގެ އަތުން ފައިސާ ފޭރުނީ ނޫން ކަމަށާއި އޭނާ އެ ފައިސާ ނަގައިގެން ގެންގޮސް ފަރުވައި، ފައިސާ ޑޮލަރަށް މާރު ކުރި ކަމަށާއި އަދި ބާކީ ފައިސާ ބޭނުންކުރި ކަމަށް އިއުތިރާފުވިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ފޭރުނު ކަމަށް ބުނި ފައިސާގެ އަދަދަކީ 127،000 ރުފިޔާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.