ޚަބަރު

މާލޭގެ މޭޔަރު ކަމަށް އެސްޖީ އަނަސް ވާދަކުރަނީ

އާނިފާ ހުސެއިން ސިރާޖް

އަންނަ އޭޕްރީމް މަހުގެ ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑިޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ނިންމަވައިފިއެވެ.

އަނަސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެއަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައި އުޅެވޭނެ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުމަށް މާލެ ސިޓީގެ މޭޔަރުގެ މަސްއޫލިއްޔަތު އުފުލައި ހިދުމަތްކޮށްދިނުމަށް ނިންމާފައިވާ ކަަމަށެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ އަނަސް ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑިޕީ ޕްރައިމަރީގައި ވެސް ވާދަކުރައްވައިފައެވެ. ނަމަވެސް މާފަންނު އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މިހާރު އެ ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.

އަނަސްގެ އިތުރުން ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ގިނަ ބަޔަކު އިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭގައި މިހާރު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި ޝިިފާ މުހައްމަދާއި މާލެ ސިޓީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފު އަދި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒު ހިމެނެއެވެ.

އޭގެ އިތުރުން އެމްޑިޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވެސް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވިއެވެ. ނަމަވެސް ކުއްލި އާއިލީ ޒިންމާ ތަކަކާއި ގުޅިގެން އެ މަގާމަށް ކުރިމަތި ލެއްވެން ނެތް ކަމަށް އޭނާ ފަހުން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހު 31 ވަނަ ދުވަހުއެވެ.