ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ފެކަލްޓީތަކަށް އާ ޑީނުން އައްޔަން ކޮށްފިއެވެ.
މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ފެކަލްޓީތަކަށް ޑީނުން އައްޔަންކޮށް ވަނީ ފަތްކޮޅު ހަވާލުކޮށްފައެވެ. ފެކަލްޓީތަކަށް އާ ޑީނުން އައްޔަން ކުރީ ކުރިން އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.
މި ބޭފުޅުންނަކީ، އެ މަގާމުތަކަށް އާންމުކޮށް ކުރިމަތިލުމަށް ޔުނިވާސިޓީން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ޔުނިވާސިޓީގެ މަޖިލީހުން އައްޔަން ކުރެއްވި ބޭފުޅުންނެވެ. މި ބޭފުޅުން އައްޔަންކޮށްފައިވަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ.
މިއަދު ފަތްކޮޅު ހަވާލުކުރެވުނު ޑީނުންގެ ތެރެއިން ޑރ. އާއިޝަތު ރީޝާ އާއި އިސްހާގު މުހައްމަދުފުޅާއި އަހުމަދު ސަލީމް ހުސައިން އަދި މުހައްމަދު ޝުޖާއު އަބްދުލްހަކީމަކީ ކުރިން ވެސް ޑީންކަމުގެ މަގާމުގައި ތިއްބަވާ އަލުން އެ މަގާމަށް ހޮވިވަޑައިގެންނެވި ބޭފުޅުންނެވެ.