ޚަބަރު

ކުރިމިނަލް ކޯޓުގައި އިލެކްޓްރޯނިކް ސިސްޓަމަކުން ކޭސް މެނޭޖްކުރަން ފަށައިފި

2

އާ އަހަރުން ފެށިގެން ކުރިމިނަލް ކޯޓުގައި އިލެކްޓްރޯނިކް ސިސްޓަމަކުން ކޭސް މެނޭޖްކުރަން ފަށައިފިއެވެ.

ކުރިމިނަލް ކޯޓުން މިއަދު ބުނީ، މިހާތަނަށް އެ ކޯޓުގައި ކޭސްތައް މެނޭޖުކުރަމުން އައިސްފައިވަނީ މައިކްރޯސޮފްޓް އެކްސެލް ފައިލްތަކެއްގައި ލިޔެގެން ކަމަށެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި އެހެނިހެން އަމުރުތަކާއި ޑޮކިއުމަންޓުތައް ހަދަމުން އައިސްފައިވަނީ މެނުއަލްކޮށް މައިކްރޯސޮފްޓް ވޯޑުގައި ކޮންމެ އެއްޗެއް ވަކިވަކިން ލިޔެގެން ކަމަށެވެ.

ނަމަވެސް މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެކޯޓުގައި މޯލްޑިވްސް އީކޯޓް މެނޭޖްމަންޓް ސިސްޓަމްގެ ކޭސް މެނޭޖްމަންޓް މޮޑިއުލް ބޭނުންކުރަން ފަށައި، ކުރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ 1661 މައްސަލައިގެ މައުލޫމާތު މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ސިސްޓަމަށް ލާފައިވާ ކަމަށް ކުރިމިނަލް ކޯޓުން ބުނެއެވެ.

ކުރިމިނަލް ކޯޓުން ބުނީ، މިއަދުން ފެށިގެން މައްސަލަތައް ތާވަލުކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި އެހެނިހެން އަމުރުތަކާއި ގިނަ ޑޮކިއުމަންޓުތަކެއް ސިސްޓަމްގެ ތެރެއިން އޮޓަމެޓިކުން ނަންބަރު ޖެހިގެން ޖެނެރޭޓް ވެގެންދާނެ ކަމަށާއި ދެތިން ކުލިކް ކޮށްލައިގެން ކޯޓަށް ހާޒިރުވުމުގެ އަމުރެއް ތައްޔާރުކޮށް މިހާރު ޕުރިންޓު ކޮށްލެވޭނެ ކަމަށެވެ.

ނަމަވެސް ކޭސް މެނޭޖްމަންޓް ސިސްޓަމް އެއްކޮށް ޑިވެލޮޕްކޮށް ނިންމުމަށް އަދި ހައެއްކަ މަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ކުރިމިނަލް ކޯޓުން ބުނެއެވެ.

ސިސްޓަމް އެއްކޮށް ފުރިހަމަވާއިރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް މައްސަލަތައް ހުށަހެޅުމަށްޓަކައި އިލެކްޓްރޯނިކް ޕޯޓަލްއެއް ގާއިމުކޮށް ކުރިމިނަލް ކޯޓުގެ ކޭސް މެނޭޖްމަންޓު ސިސްޓަމަށް އިލެކްޓްރޯނިކް ކޮށް މައްސަލަތައް ފައިލް ކުރެވޭނެ ކަމަށާއި އެޕޯޓަލް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ވެސް އެކޯޓުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟