ސަރުކާރުގެ އަމަލުތައް ހުރީ ރާއްޖޭގެ އިގްތިސާދު އަދަވަޅަކަށް ވެއްޓި، ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރަށް އަހަރެއްވީއިރު ވެސް ސީޕްލޭން ޓާމިނަލަށް ހަދާނެ ގޮތެއް ނޭނގުނުއިރު، އެ މަސައްކަތް ލަސްވަމުން ދިއުމުން އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަަމަށެވެ. އެހެންކަމުން ސީޕްލޭން ޓާމިނަލް ފަދަ ކަމެއް ނިންމަން ނޭނގުނު ބަޔަކަށް އިގްތިސާދުގެ ބޮޑެތި ނިންމުންތައް ނިންމޭނީ ކިހިނެތްތޯ އޭނާ ސުވާލު އުފެއްދިއެވެ.
ސީޕްލޭން ޓާމިނަލް ހަދަން ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަކީ ދާއިމީ މެނޭޖިން ޑިރެކްޓަރަކު ނެތް ކުންފުންޏަކަށް ކަން ފާހަގަކުރައްވާ ޖަމީލު އިތުރަށް ވިދާޅުވީ، އެމްއޭސީއެލްއާ ބޮޑެތި ޒިންމާތަކެއް ހަވާލުވެފައިވާއިރު ކުންފުނީގައި ދާއިމީ މެނޭޖިން ޑިރެކްޓަރަކު ނެތުމަކީ ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭނެ ކަމެއް ކަމަށެވެ.
"ބޮޑެތި ޒިންމާތަކެއް އަޑާކުރަންޖެހިފައިވާ ކުންފުނީގެ އަދިވެސް ދާއިމީ އެމްޑީއެއް ނެތް! މުޅިންވެސް އަމަލުތައް ހުރީ އިގްތިސާދީ އަދަވަޅަކަށް ވެއްޓި، ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް،" ޖަމީލު ވިދާޅުވެފައިވެއެވެ.
އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް، ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭއަށް ދޭން، އެމްއޭސީއެލުން މަޝްވަރާކުރިއެވެ.
ނަމަވެސް އެގޮތަށް އެއްބަސްވެއްޖެނަމަ އެމްއޭސީއެލް އަށް ބޮޑު އާމްދަނީއެއް ގެއްލޭނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ސީ ޕްލޭން ޓާމިނަލްއާ ގުޅޭ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން މިހާރު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަ ގޮތަށް މާކެޓް އަގަށްވުރެ ކުޑަކޮށް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދީފިނަމަ، އަހަރަކު 44 މިިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލްއަށް ގެއްލިދާނެއެވެ.
އެހެންކަމުން އެއީ ބޭރުގެ ގައުމެއްގެ ބޮޑު ހިއްސާއެއް އަދި ދިވެހި އެންމެ ފަރުދެއްގެ ކުޑަ ހިއްސާއެއް އޮންނަ ޓީއެމްއޭ އަށް ސީޕްލޭން ޓާމިނަލް ހޯދައިދިނުމަށް އެމްއޭސީއެލްގެ މެނޭޖްމެންޓުން ނިންމާފައިވާ ބޮޑު ހިޔާނާތެއް ކަމަށް ބުނެ، މިހާރުގެ މާކެޓް އަގަށްވުރެ ކުޑަކޮށް ކުއްޔަށް ދޫކުރުން ހުއްޓުވައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.
ނަމަވެސް އެމްއޭސީއެލް އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، ސީޕްލޭން ޓާމިނަލުގެ މަސައްކަތަށް ހޭދަވާނީ ޖުމުލަ 26 މިލިއަން ޑޮލަރު ކަމަށާއި އެތަން ހިންގާނީ އެ ކުންފުނިން ކަމަށް ބުނެފައެވެ.