ޚަބަރު

މިއަހަރު ޗައިނާއާ ކައިރިން މަސައްކަތް ކުރުމަށް އުންމީދު ކުރަން: ޝާހިދު

މިއަހަރުގެ ތެރޭގައި ޗައިނާ އާއި ރާއްޖެއާ ދެގައުމަށް ވެސް މުހިންމު ޕްރޮޖެކްޓުތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރު މިމަހުގެ ތެރޭގައި ހުޅުވާނެ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެ ކުރެއްވި ޓުވީޓެއް ރީޓުވީޓް ކުރައްވާ މިނިސްޓަރު ވަނީ ސަފީރަށް ޝުކުރު އަދާކުރައްވައި، އެ މަޝްރޫއަކީ ދެގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެން ދިޔަ ކަމެއް ކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި ދެގައުމަށް ފައިދާވާނެ އެފަދަ އިތުރު މަޝްރޫއުތަކުގައި ވެސް ޗައިނާއާ ގުޅިގެން އިތުރަށް ކައިރިން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދުގެ އެ ޓުވީޓަށް ޖަވާބު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ ދެގައުމުގެ ސަރުކާރުން ގުޅިގެން ކުރާ މަސައްކަތުން ކުރިއަށް ރަނގަޅު ކަންކަން އަންނަން އެބަހުރި ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.