ޚަބަރު

ބުރިޖާއި ހައިވޭއަކީ ވެހިކަލް މަޑުކުރުން މަނާ ސަރަހައްދެއް: ފުލުހުން

މުހައްމަދު ޝަހީމް

ސިނަމާލެ ބުރިޖާއި ހުޅުމާލެއަށް ދާން އޮންނަ ހައިވޭއަކީ މަޑުކުރުން މަނާ ސަރަހެއްދެއް ކަމަށާއި އަދި އެ ސަރަހައްދުގައި މަޑުކުރުމަކީ އެކްސިޑެންޓްތަކަށް މަގުފަހިވާ ކަމެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ، ބުރިޖުގެ އެއް ފަރާތުގައި މަޑުކޮށްފައި ސައިކަލެއް ނައްޓާލަން އުޅުނު ވަގުތު ފަހަތުން އައި ސައިކަލް ޖެހިގެން އިއްޔެ ހަވީރު އިއްޔެ އެކްސިޑެންޓެއް ހިނގުމާއި ގުޅިގެންނެވެ. އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް ވެސް، އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި މިދިޔަ ހުކުރު ދުވަހު ވެސް އެފަދަ އެކްސިޑެންޓެއް ހައިވޭގައި ވަނީ ހިނގައިފައެވެ.

ފުލުހުން ބުނީ ބުރިޖާއި ހައިވޭއަކީ ވެސް މަޑުކުރުން މަނާ ސަރަހެއްދެއް ކަމަށާއި އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބުރިޖާއި ހައިވޭ ބޭނުން ކުރާއިރު، ހަދާފައި ހުންނަ ގާނޫނުތަކަށާއި ގަވާއިދުތަކަށް އިހުތިރާމް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.