އާ ފަނޑިޔާރުންނާއެކު ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އައްޔަންކޮށްފައެވެ. ސުޕްރީމް ކޯޓު ރިސެސްގައި އޮތުމުން އެ ދެ ބޭފުޅުން އައްޔަންކުރި ފަހުން އަދި އަޑުއެހުމެއް ނުބާއްވައެވެ.
މިފެށޭ ހަފުތާގައި ސުޕްރީމް ކޯޓުގައި ނުވަ މައްސަލައެއްގެ އަޑުއެހުން ވަނީ ތާވަލުކޮށްފައެވެ. އޭގެ ތެރެއިން ތިން މައްސަލައެއްގެ އަޑުއެހުން މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.
މާދަމާ ކުރިއަށްގެންދާ ފުރަތަމަ އަޑުއެހުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ދައުވާއެއްގެ އަޑުއެހުމެވެ. މާދަމާ ހެނދުނު 9:00ގައި ކުރިއަށްގެންދާ އެ އަޑުއެހުމަކީ ގދ. ނަޑެއްލާ، އަތަމާގެ، މުހައްމަދު ނާފިޒުގެ މައްޗަށް އުފުލާފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކާ އަތުގައި ބެހެއްޓުމުގެ ދައުވާގެ އަޑުއެހުމެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ސުއޫދެވެ.
މާދަމާ ހެނދުނު 10:00ގައި ކުރިއަށްގެންދާ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައަކީ މ. ކޮޅުފުށި، ފިނިފެންމާގެ، އަހްމަދު ވާސިފަށް ރައްދުވާ ވަޒީފާއާ ބެހޭ މައްސަލައެކެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޝުޖޫން އަދި ފަނޑިޔާރު ސުއޫދެވެ.
މާދަމާގެ ފަހު އަޑުއެހުމަކީ ސިވިލް ސާވިސް ކޮމިޝަނުން ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައަކީ ގއ. ގެމަނަފުށި، އާބާދުގެ، އިބްރާހިމް ސާމިނަށް ރައްދުވާ ވަޒީފާއާ ބެހޭ މައްސަލައެކެވެ. އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00ގައި ބާއްވާގޮތަށެވެ. އެ މައްސަލަ ބައްލަވާނީ ފަނޑިޔާރު ޝުޖޫން އާއި ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މި ހަފުތާގައި އިތުރަށް ތާވަލުކޮށްފައިވާ މައްސަލަތަކަށް ބަލައިލާ އިރު، ފައިސާ ހޯދުމުގެ ތިން މައްސަލައެއް ހިމެނެއެވެ. ދެން ހިމެނެނީ ވަޒީފާއާ ބެހޭ ދެ މައްސަލައަކާއި މަދަނީ މައްސަލައެކެވެ.