ޚަބަރު

ރައީސް ސޯލިހު ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހު ލަންކާއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ އަންގާރަ ދުވަހުގެ ރޭއެވެ. އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

އަމިއްލަފުޅު ދަތުރުފުޅެއްގައި ރައީސް ލަންކާއަށް ވަޑައިގެންނެވި އިރު، މިއަހަރުގެ އީދު ޗުއްޓީއާ ދިމާކޮށް ވެސް އެމަނިކުފާނާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ލަންކާއަށް ވަޑައިގެންފައެވެ. ރައީސް ސޯލިހުގެ އާއިލީ ބައެއް ބޭފުޅުން އެގައުމުގައި ދިރިއުޅުއްވައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ. އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ އެގައުމުގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިހާބަށްފަހު ލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.