މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ރާއްޖެއަށް ވަޑައިގެން މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ދަރުސް ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުފްތީ މެންކު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 18 އަށް ކަމަށެވެ.
މުފްތީ މެންކުގެ މި ދަތުރުގައި މާލެއާއި އައްޑޫ އަދި ކުޅުއްދުއްފުށީގައި ދީނީ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން ޒުވާނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ދީނީ ޕްރޮގްރާމްތަކެއް ވެސް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މުފްތީ މެންކު މީގެ ކުރިން ވެސް ރާއްޖެއަށް ވަޑައިގެން ދީނީ ދަރުސްތަކެއް ދެއްވާފައިވެއެވެ. އެންމެ ފަހުން މުފްތީ މެންކު ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.