ޚަބަރު

ސައިކަލު ހުއްޓަން އެންގުމުން ފުލުހެއްގެ ގައިގައި ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ގަވައިދާ ހިލާފަށް މުދާ އުފުލައިގެން ދަނިކޮށް މަޑުކުރުމަށް އެންގުމުން ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:49 ހާއިރު ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާ ހިފެހެއްޓުމަށް މަސައްކަތް ކުރީ ގަވައިދާ ހިލާފަށް ސައިކަލުގައި މުދާ އުފުލައިގެން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. އަދި ސައިކަލު މަޑުކުރުމަށް އެންގުމުން، ސައިކަލު މަޑުނުކޮށް ދާން މަސައްކަތް ކުރުމުން ފުލުހުން އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށާއި އޭނާ ހައްޔަރު ކުރީ އޭނާގެ މައުލޫމާތު ދިނުމަށް އެދުމުން އެކަމަށް އިންކާރުކޮށް ފުލުހުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ފުލުސް މީހާ ގައިގައި ސައިކަލުން ޖައްސާފައި ދާން އުޅުމުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކުރުމުގެ އިތުރުން އޭނާގެ ލައިސެންސް ވަނީ ހިފަހައްޓައިފައެވެ. ފުލުހުން ބުނީ އޭނާގެ ލައިސަންސް ހިފެހެއްޓީ ގަވައިދާ ހިލާފަށް މުދާ އުފުލި މައްސަލައިގައި ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.