ބ. ދޮންފަނު ކައިރިން ބުރާސްފަތި ދުވަހު ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ލޯންޗުގެ ކައްޕިއަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ ލޯންޗުގެ ކައްޕިއަށް ލިބިފައިވާ އެކި އަނިޔާތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ މޫނުގެ ކަށިގަނޑު ބިންދައިގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ކައްޕި ލޯ ވެސް ވަރަށް ބޮޑަށް ދުޅަ ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ލިބިފައިވާ އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް ކައްޕި މާލެ ގެނެސްފައިވަނީ އިއްޔެ ހަވީރު ކަމަށެވެ.
ލޯންޗުގެ ކައްޕީގެ އިތުރުން ލޯންޗުގެ ފަޅުވެރިއަކަށް ހުރި ބަންގްލަދޭޝް މީހަކަށްވެސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ނަމަވެސް އެމީހާއަށް ލިބިފައިވަނީ ކުދި އަނިޔާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ. ގެއްލިފައިވަނީ ބ. އޭދަފުށީ/ މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އެވެ. ފުލުހުންނާއި ސިފައިން އަދިވެސް އަންނަނީ ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ނަސްރުﷲ ގެ އިތުރުން އެ ޑިންގީގައި ތިބީ 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުންނަށް ވެސް ބޮޑެތި އަނިޔާ ލިބިފައި ހުރި ނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.