ނޮވެމްބަރު 2019ގައި ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ބޮޑު އަދަދެއް ދިން ވެލާ ޕްރައިވެޓް އައިލެންޑް ފަހަތަށް ޖައްސާލައި، ޝެވަލް ބްލާންކް ރަންދެލި ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެންމެ ބޮޑު އަދަދެއް ދިން ރިސޯޓަށް ހޮވިއްޖެ އެވެ.
މިމަހު ކޮންމެ މުވައްޒަފަކަށް ރަންދެލިން 1903.28 ޑޮލަރު (29،348.58 ދިވެހި ރުފިޔާ) ދީފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ދީފައިވަނީ 1146 އެމެރިކާ ޑޮލަރު (17671.32 ދިވެހި ރުފިޔާ) އެވެ. އެ ރިސޯޓުން ވަނީ އޮކްޓޫބަރު މަހުވެސް އެންމެ ގިނައިން މުވައްޒަފުންނަށް ސާވިސް ޗާޖު ދިން ރިސޯޓުގެ މާގަމު ހޯދައިފައެވެ.
މިދިޔަ މަހު ދެވަނައަށް އެންމެ ގިނައިން މުވައްޒަފުންނަށް ސާވިސް ޗާޖު ދީފައިވަނީ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 948.67 ޑޮލަރު (14,628.49 ދިވެހި ރުފިޔާ) ދީފައިވެއެވެ. ނޮވެމްބަރު މަހު ލިސްޓުގެ ފަސްވަނައިގައި ހިމެނުނު ވެލާ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް އެ މަހު ދީފައިވަނީ 789.81 ޑޮލަރު (12،178 ދިވެހި ރުފިޔާ) އެވެ.
މިދިޔަ ނޮވެމްބަރު މަހު ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1329.31 އެމެރިކާ ޑޮލަރު (20497.96 ދިވެހި ރުފިޔާ) ދީގެން ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދި ވެލާ ރިސޯޓު މިފަހަރު އޮތީ ލިސްޓުގެ ތިން ވަނައިގައެވެ. މިދިޔަ މަހަށް އެ ރިސޯޓުގެ މުވައްޒަފުންނަށް 931.84 ޑޯލަރު (14,368.97 ދިވެހި ރުފިޔާ) ދީފައިވެއެވެ.
މޯލްޑިވްސްއެސްސީ.ކޮމް އިން އާންމު ކުރި މި ތަފާސް ހިސާބުގައި 147 ރިސޯޓެއްގެ ނަން ހިމަނާފައިވެއެވެ. ނަމަވެސް ސާވިސް ޗާޖުގެ މައުލޫމާތު ހިމަނާފައިވަނީ 75 ރިސޯޓަކުންނެވެ. މި 75 ރިސޯޓުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ކުޑަ ސާވިސް ޗާޖެއް ދީފައިވަނީ މިދިޔަ މަހުވެސް މުވައްޒަފުންނަށް އެންމެ ކުޑަ ސާވިސް ޗާޖެއް ދިން ކަމަށް ރެކޯޑު ކުރެވިފައިވާ އައްޑޫ ސިޓީގައި ހިންގާ އީކުއޭޓާ ވިލޭޖުންނެވެ. އެއީ 82 ޑޮލަރު (1,264.44 ދިވަހި ރުފިޔާ) އެވެ.