ލޯންޗެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ގެއްލިގެން ހޯދަމުން އަންނަ މީހާ އާއި އޭނާ ދަތުރުކުރަމުންދިޔަ ޑިންގީ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި އެއަތޮޅު ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓަކަށްފަހު ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ހާއްސަ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށްގެންދާ ކަމަށާއި ގެއްލުނު މީހާ އާއި އޭނާ ދަތުރުކުރަމުންދިޔަ ޑިންގީ އަދި ފެނިފައިނުވާ ކަމަށެވެ.
މިއަދުވެސް ކޯސްޓްގާޑްގެ ޑައިވަރުން ޑައިވްކޮށްގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގެ އިތުރުން ޑައިވިން ރޮބަޓް ވެސް ބޭނުންކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކޯސްޓްގާޑްގެ ލޯންޗުން ކަނޑުގެ އޭރިއާގެ ސާފެސް ބަލަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނަންޓް ކާނަލް އަހުމަދު މުޖުތަބާ ވިދާޅުވީ، އެ އެކްސިޑެންޓު ހިނގި ސަރަހައްދު ކަމުގައި ބޮޑަށް ލަފާކުރެވެނީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް ކައިރިން ކަމަށެވެ. ނަމަވެސް ނަސްރު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވަނީ ވެއްޓުނީ ސީދާ އެ ސަރަހައްދަކަށް ކަމެއް ނޭނގޭތީ ކަމަށް ވިދާޅުވިއެވެ.