ޚަބަރު

ކަރެކްޝަންސްގެ އޮފިސަރުންނަށް ގޯނާކުރާ ގައިދީންނަށް ހެޔޮ ވިސްނައިދީ އިސްލާހުކުރުމަކީ އޮފިސަރުންގެ އަމާޒު: މުނާޒު

ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ގޯނާކުރި ނަމަވެސް އެ އޮފިސަރުންގެ އަމާޒަކީ އެކަން ކުރާ މީހުންނަށް ހެޔޮ ވިސްނައިދީ އިސްލާހު ކުރުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ކ. މާފުށީ ޖަލު ޔުނިޓް ހަތަރެއްގައި ތިބި ރިމާންޑު ބަންދު މީހުން ގައިގައި ޖަލު އޮފިސަރުން ތަޅާ އަނިޔާކޮށް ޖަލުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ވަނީ އަޑުތަކެއް ފެތުރިފައެވެ.

ނަމަވެސް ކަރެކްޝަންސް އިން ވެސް އެކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު އެކަމުގެ އެއްވެސް ތަފްސީލެއް ހާމަނުކޮށް މުނާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަލުތަކުގައި ބަންދު ކުރެވޭ މީހުންގެ ފަރާތުން ކަރެކްޝަންސް ސާވިސްގެ އޮފިސަރުންނަށް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.

ނަމަވެސް އެކަންކުރާ މީހުންނަށް ވެސް ހެޔޮ ވިސްނައިދީ، އިސްލާހުކޮށް، ރިހެބިލިޓޭޓްކޮށް، މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރެ އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަކީ ކަރެކްޝަންސް އޮފިސަރުންގެ އަމާޒު ކަމަށް މުނާޒް ވިދާޅުވިއެވެ.

"މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ވެސް ކެތްތެރިކަމާއެކު އަޅުގަނޑުމެން އަޅަމުން ގެންދާނަން،" މުނާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިއަދު މާފުށީ ޖަލުގައި ހިނގި ކަމަށް ބުނާ ހަމަޖެހުމާއި ގުޅިގެން ކަރެކްޝަންސް އިން ވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރަށް ގުޅުމުން ފޯނަށް ވެސް ޖަވާބު ދެއްވާފައެއް ނުވެއެވެ.

އޭގެ އިތުރުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ވައިބަރުގައި ހަދާފައިވާ ގުރޫޕަށް މީސް މީޑިއާގައި ދައުރުވަމުންދާ މެސެޖު ނޫސްވެރިއަކު ހިއްސާ ކުރުމުން ވެސް، އެ ގުރޫޕުގައި ތިއްބަވާ ކަރެކްޝަންސްގެ މީޑިއާ އޮފިސަރުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.