ޚަބަރު

މިމަހުގެ ތެރޭގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކީ ފަޅުތެރެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުން: ޝަމާއު

އާނިފާ ހުސެއިން ސިރާޖް

މިމަހުގެ ތެރޭގައި ސިޓީ ކައުންސިލުން ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ފަޅުތެރެ ތޮއްޖެހިފައިވާ މައްސަލަ ހައްލުކުރުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީއެސްްއެމްގެ "ރާއްޖެމިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޝަމާއު ރޭ ވިދާޅުވީ އަހަރެއްހާ ދުވަހު ތެރޭގައި ކުރެވުނު މަސައްކަތުގެ އިތުރަށް މިހާރު ފަށައިގެން އުޅޭ މަސައްކަތަކީ މާލޭގެ އެއްގަމުން ބޭރު، ފަޅުތެރޭގެ މަސައްކަތް ކަމަށާއި ފަޅުތެރެވެސް ތޮއްޖެހި މިހާރު އޮތް ހާލަތަށް އަންނަން މެދުވެރިވީ ރަނގަޅަށް ބެލެހެއްޓި އިންތިޒާމު ކުރެވިފައި ނުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ހުރިހާ ކަމެއްވެސް މިއޮތީ ހައްލުކުރަންޖެހޭ ހާލަތުގައި. ހަމަ ވަކި ކަމެއް މެތް. ދެން ފަހަރަކު ކަމެއް ކުރަމުން އައިސް މިހާރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޖެނުއަރީ މަހު ކުރާނެ އެންމެ މުހިންމު ހަމަ އެއް މަސައްކަތަކީ ފަޅުތެރެ ހައްލުކުރުމުގެ މަސައްކަތް. ދެން މަގުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިމަހުގެ މެދުތެރޭ އެންމެ ލަސްވެގެން އަޅުގަނޑުމެން މި އުންމީދުކުރަނީ ރައްޔިތުންނާ ހިސާބަށް ގެނެސް މަސައްކަތް ފެއްޓޭނެ ކަމަށް." ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މާލެ ތޮއްޖެހިފައި ވަނީ ހަމައެކަނި ބިމުގެ ސަރަހައްދު ނޫން ކަމަށާއި ފަޅުތެރެވެސް އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މާބޮޑު ތަރުތީބެއް ނެތި ކަންކަން ކޮށްފައި ހުރުމުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. ޝަމާއު ވިދާޅުވީ އެއް ލޯންޗު މަތިން އަނެއް ލޯންޗުމަތިން ފުރަން ދިއުން ހަލުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި، ބޭނުން ނުކޮށް ހުންނަ އުޅަނދުފަހަރު މާލޭން ބޭރު ކައިރީ ސަރަހައްދަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ދެން ހަމަ އޭގެ އިތުރުން މާލޭން ރާއްޖޭގެ ދެކުނަށް ފުރާ ބޭފުޅުންނަށް ވަކިން ސަރަަހައްދެއް، މާލޭން އުތުރަށް ފުރާ ބޭފުޅުންނަށް ވަކިން ސަރަހައްދެއް." ހަމަޖެއްސުމުގެ ތައްޔާރީތައްވެސް، މަޝްވަރާތައްވެސް ކުރަމުން އަންނަ ކަމަށް ޝަމާއު ވިދާޅުވިއެވެ.

އޭގެ ބޭނުމަކީ ފަޅުތެރެ ހަމައަކަށް އަޅުވައި ފުރަންދާ މީހުންނަށް ފަސޭހަކަމާއެކު ފުރޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ފަތުރުވެރިން މީގެ ކުރިން މާލެ އައިސް ގާތްކުރަނީ އެތަން މިތަނަށް ކަމަށާއި ނަމަވެސް މިހާރު މި އާހަރާ އެއްކޮށް މާލެ އަންނަ ފަތުރުވެރިންވެސް އެއް ސަރަހައްދަކަށް ގޮސް، މާލެއާބެހޭ މައުލޫމާތުވެސް ލިބިގެން ރަށުތެރެއަށް ދާ ގޮތަށް ހަމަޖެއްސުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިއީ އެފަދަ ސިޓީ ޓޫރިޒަމްގެ މަސައްކަތް ދައުލަތުގެ އިދާރާއަކުން އިސްނަގައިގެން އަލަށް ކުރާ ފަހަރު ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

ސަފާރީ ތަކަށް ވަކި ސަރަހައްދެއް މިހާރު ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ޝަމާއު ވިދާޅުވީ އެންމެ އަވަހަށް ކުރާނެ މަސައްކަތަކީ މަސް މާރުކޭޓު ސަރަހައްދު ތަރުތީބު ކުރުމުގެ މަސައްކަތް ކަމަށެވެ.

"މާލޭގެ ފަޅުގެ ދަތިކަމަށް އަޅުގަނޑުމެން ހައްލު ހޯދާނީ މާލެއާއި ވިލިމާލެއާ ހުޅުމާލޭ އެއްކޮށްލައިގެން ތިން ތަނަށް ބަހާލައިގެން." ކަމަށާއި ބޭނުމަކީ ތަރުތީބުން ކަަންކަން ކުރުން ކަމަށް ޝަމާއު ވިދާޅުވިއެވެ. އެގޮތުން އެކި ކަންކަމަށް ބޭނުންކުރާ އުޅަނދަށް އެކި ސަރަހައްދު ކަނޑައެޅިގެންދާނެ ކަމަށް ޝަމާއު އިތުރަށް ވިދާޅުވިއެވެ.