ޗައިނާއިން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރާ ލޮލުގެ ފަރުވާދޭ ހާއްސަ ސެންޓަރު މިމަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސަފީރު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ އައި ކެއާ ސެންޓަރުގެ މެޑިކަލް ޓީމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާނީ ޑރ. ޗެން ވެއިރޮންގް ކަމަށެވެ. ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގައި 30 އަހަރުގެ ހޭދަކުރައްވާފައިވާ ތަޖުރިބާކާރު އެ ޑޮކްޓަރަކީ ލޮލުގެ ބަލިތަކުގެ އެތައް ހާސް އޮޕަރޭޝަނެއް ކުރައްވާފައިވާ ޑޮކްޓަރެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ ލޮލުގެ ފަރުވާދޭ ސެންޓަރު މިމަހުގެ މެދުތެރޭގައި ހުޅުވިގެންދާނެ ކަމަށާއި އެ ސެންޓަރުން ލޮލުގެ އެކި އެކި ބަލިތަކަށް ފަރުވާ ދޭނެ ކަމަށެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރާ އެ ސެންޓަރަކީ ރާއްޖޭގައި ގާއިމުކުރާ އެފަދަ ފުރަތަމަ ސެންޓަރު ކަމަށް ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ދެމުންދާ ލޮލުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ޗައިނާ އާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާގެ އެހީގައި ލޮލުގެ ފަރުވާދޭ މަރުކަޒެއް ގާއިމުކުރަން ނިންމާފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.
އޭގެ އިތުރުން ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަަމްރީނުތައް ޗައިނާގައި ދިނުމަށް ވެސް އެއްބަސްވުމުގެ ދަށުންވަނީ ހަމަޖައްސައިފައެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 2015 އަދި 2017 ވަނަ އަހަރު ވެސް ލޮލުގެ ހާއްސަ ކޭމްޕްތަކެއް ރާއްޖޭގައި ހިންގިއެވެ.