މިދިޔަ އަހަރުގެ ތެރޭގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ޖުމުލަ 1003 ކަމަކަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކުން ޖުމްލަ 1082 ކަމެއްގައި ގާނޫނީ ލަފަޔަށް އެ އޮފީހުގައި އެދުނެވެ. އޭގެ ތެރެއިން ލަފާ ދީފައިވަނީ 1003 ކަމަކަށެވެ.
އެގޮތުން 354 އެއްބަސްވުމަކަށް ގާނޫނީ ލަފާ ދީފައިވާއިރު، ގަވާއިދުތަކާއި ގުޅޭ ގޮތުން 103 ކަމެއްގައި ލަފާ ދިނެވެ. އަދި އުސޫލުތަކާގުޅޭ ގޮތުން 52 ކަމެއްގައި ވަނީ ލަފާ ދީފައެވެ.
އޭގެ އިތުރުން ބިލު ތަސްދީގު ކުރުމާގުޅޭ ގޮތުން 27 ކަމެއްގައި އަދި މުއާހަދާތަކާ ގުޅޭ ގޮތުން 15 ކަމެއްގައި އެ އޮފީހުން ލަފާދިންއިރު، އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 452 ކަމަކަށް ލަފާ ދީފައިވެއެވެ.