ޚަބަރު

ގެއްލުނު މީހާ ސީދާ ވެއްޓުނު ސަރަހައްދު ނޭނގުމަކީ އޭނާ ހޯދުމަށް ދިމާވެފައިވާ ގޮންޖެހުމެއް: އެމްއެންޑީއެފް

އާނިފާ ހުސެއިން ސިރާޖް

ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ރޭ އިރާކޮޅު ގެއްލުނު މީހާ ވެއްޓުނު ސީދާ ސަރަހައްދު ނޭނގުމަކީ އޭނާ ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރޭ 7:07 ހާއިރު ބ. ދޮންފަނު ކައިރިން ބ. އޭދަފުށީ ލޯންޗަކާއި އެއަތޮޅު ދަރަވަންދޫން ފުރައިގެން ދަތުރުކުރަމުންދިޔަ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓަކަށްފަހު ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުށީ، މުސްތަރީގެ ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.

އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނަންޓް ކާނަލް އަހުމަދު މުޖުތަބާ ވިދާޅުވީ، އެ އެކްސިޑެންޓު ހިނގި ސަރަހައްދު ކަމުގައި ބޮޑަށް ލަފާކުރެވެނީ ދޮންފަނުގެ ހުޅަނގު ދެކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް ކައިރިން ކަމަށެވެ. ނަމަވެސް ނަސްރު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވަނީ ވެއްޓުނީ ސީދާ އެ ސަރަހައްދަކަށް ކަމެއް ނޭނގޭތީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ލަފާ ކުރެވެނީ މި އެކްސިޑެންޓު ހިނގި ސަރަހައްދަކީ މީ ދޮންފަނުގެ ހުޅަނދު ދެނކުނުން އޮންނަ އަނގަފަރު ކިޔާ ފަރެއް އޮވޭ، އެ ފަރު ކައިރިން ކަަމަށް. ދެން ސީދާ އިން ޕޮއިންޓުކޮށް އެ ލޮކޭޝަން އަޅުގަނޑުމެންނަށް ނޭނގޭތީ ހަގީގަތުގައި އަޅުގަނޑުމެންނަށް މީ ކޮމްޕްލިކޭޓް ވެގެން މިއުޅެނީ އޮޕަރޭޝަން،" މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ އެމްއެންޑީއެފްގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ތްރީ ޑައިމެންޝަނަލް ސާޗެއް ކަނޑު އަޑިންނާއި ކަނޑު މަތިން އަދި ވައިގެ މަގުން ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑާއި ފުލުހުން އަދި އެ ސަރަަހައްދުގައި ހުރި ރިސޯޓުތަކުގެ އިތުރުން އާންމުން އުޅޭ ރަށްރަށުގެ ޑައިވަރުންނާއި އުޅަނދުފަހަރުގެ އެހީތެރިކަމާއެކު ނަސްރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ހޯދުމަށް ޑައިވް ރޮބަޓާއި ހެލިކޮޕްޓަރު ވެސް އެމްއެންޑީއެފުން މިހާރު ވަނީ ބޭނުން ކުރަން ފަށައިފައެވެ.